ކ. މާލެ
|
29 ޖޫން 2025 | އާދީއްތަ 19:03
ޕީއެންސީއަށް މެންބަރުން ވެއްދުމަށް ފޯމް ފުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ޕީއެންސީއަށް މެންބަރުން ވެއްދުމަށް ފޯމް ފުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ޕީއެންސީ
މަގޭ ރިޕޯޓް
ކުރީ ސަރުކާރުން "ނެއްޓެން" ޕީއެންސީން ރަށްރަށަށް
ސަރުކާރުން މަޖިލިސް ހޯދީ ކުރީ ސަރުކާރުގެ ދުއްތުރާލުން ނެއްޓި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށެވެ. އެކަމަކު ސުޕަރ މެޖޯރިޓީއާއެކު ރައްޔިތުންނަށް ކޮށްދެވުނު ކަމެއް އަދި ނެތެވެ.

ކައުންސިލް އިންތިޚާބަށް ރައްޔިތުން ހެއްލުމުގެ ދަތުރުތައް ސަރުކާރު ހިންގާ ޕީއެންސީން އެވަނީ ފަށާފައެވެ. ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި ގިނަ ބަޔަކު ފުރަފުރައިގެން ރަށްރަށަށް ދާން ފަށައިފިއެވެ.

މާބޮޑު ކެންޕޭނެއް ކުރާންވެސް ނުޖެހޭ ސަރުކާރު ހިންގާ ޕީއެންސީން އެހާއަވަހަށް ދަތުރުތައް ފެށިއިރު ކެމްޕޭނުގައި އެމީހުން ވިއްކަފާނެ އެއްޗަކާއި ގައުމުގެ ހާލަތާއި ރައްޔިތުން ތިބިގޮތް ބަލާލަން ޖެހެއެވެ.

ޕީއެންސީން ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ބުނި ވަރަށް ސާފު ވާހަކައެއް އެބައޮތެވެ. ޚުދު އޭރުގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުއިއްޒު ޔަގީން ކަށަވަރުކަމާއެކު ވިދާޅުވި ވައުދެއް އެބައޮތެވެ. ހުރިހާކަމެއްވެސް ކޮށްދެވޭނެ ބަޔަކީ އެބޭފުޅުން ކަމަށާއި ކަންކުރާނެގޮތް އެނގެނީވެސް އެބޭފުޅުންނަށް ކަމަށެވެ. އަދި ގައުމުގެ ހާލަތު، ޚާއްޞަކޮށް އިގްތިސޯދީ ހާލަތު އޮތްގޮތްވެސް އެނގޭ ކަމަށާއި އެކަމުގެ ފަރުވާލެއް ނެތްކަމަށެވެ. ފައިސާ ލިބޭނެ ކޮޅުތަކާއި ގޮތްތައް ހޯދާފައިވާ ކަމަށެވެ. އަދި ހާލަތު ކޮންމެ ގޮތަކަށް އޮތަސް މެނޭޖްކޮށްގެން ހުރިހާ ކަމެއްވެސް ކޮށްނިންމަވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އެއްވެސް ރަށެއްގައި ހިންގާ ތަރައްގީގެ އެއްވެސް މަސައްކަތެއް ހުއްޓުނަ ނުދޭނެ ކަމަށާއި އެމަސައްކަތްތައް ގެންދާނީ ކުރިއަށްވުރެ ބާރަށް ކުރިއަށް ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުން އެބަހުގައި ހިފައިގެން ވެރިކަން ދިނެވެ.

މިފަދަ ދެވަނަ ކެންޕޭނެއް ވެރިކަމަށް ހޮވުމާއެކު ސަރުކާރުން ފެށިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ތާއީދު ހޯދުމަށެވެ. އޭރު މައިގަނޑު ލަވައަކީ ސަރުކާރަށް މެޖޯރިޓީ ނުދީފިނަމަ ކަންކަން ނުވާނެ ކަމަށެވެ. ވެރިކަން ކުރަން އިދިކޮޅުން ހުރަސްއަޅާނެ ކަމަށެވެ. ސަރުކާރުން ކުރާނެ ކަމަށް ބުނި ކަންކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީގެން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ބޮޑުތަނުން ދިނީއެވެ. ހަދާނެ އެއްޗެއް ހަދާވަރުގެ ސުޕަރ މެޖޯރިޓީއެކެވެ. އެކަމަކު އެއަހަރު މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައާއި މަޖިލިސް ލިބުމަށްފަހުވެސް ގޮވާއުޅުނު ހާސަރެއް އޮތެވެ. އެއަހަރުގެ ބަޖެޓް ހެދީ ކުރީ ސަރުކާރުން ކަމަށާއި އެބަޖެޓްގައި ކަންކަން ކުރާކަށް ފައިސާ ކަނޑައަޅާފައި ނެތްކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއަހަރުގެ ބަޖެޓް ހެދީ ރަސްމާލެ ޕްރޮޖެކްޓް ފިޔަވާ ސަރުކާރުން ބުނިއްޔާ ބުނިހާ ކަމަކަށް ފައިސާ ދީގެން ކަމެވެ. ނުވިތާކަށް ބަޖެޓް ހުސްވުމުން ސަރުކާރުން ހެދި ބޮޑު ސަޕްލިމެންޓްރީ ބަޖެޓެއްވެސް ފާސްކޮށް އެފައިސާވެސް ހުސްކޮށްލީއެވެ. ވީކަމެއް، ކުރިކަމެއް ހަތްހަރާމުން ހަރާމެވެ. އާ ކަމެއް ނުފެށުނު ތާނގައި ކުރިން ހިނގަމުން އައި އަދި ފެށުމަށް ހަވާލުކޮށްފައިހުރި މަޝްރޫއުތައްވެސް ހުއްޓުނުގޮތައް ހުރީއެވެ. ކޮންނަން ގެންދިޔަ ދަތްގަނޑު ބިމަށް ވައްޓާލީމާ ވަޅުޖެހިގޮތައް އޮތީއެވެ. ކޮޅަށްޖެހި ދަގަނޑުތައް ދަބަރަށްވެ ހުސްވަނީއެވެ. ރާނަން ފަށާފައިހުރި އިމާރާތްތައް ނުނިމި ފެންވަދެ ހަލާކުވެގެންދަނީއެވެ.

މިއަހަރުގެ ބަޖެޓް ކަނޑައެޅިއިރު އޮޅުވާލީ ޕާޓީގެ މަޖިލިސް މެންބަރުންނަށާއި ރައްޔިތުންނަށެވެ. ދިނީ ބޮޑު ދޯކާއެކެވެ. އެއްވެސް ރަށަކަށް ކުރާނެ ކަމެއް އެބަޖެޓްގައި ހިމަނާފައިނެތުމެވެ. މެންބަރަކަށްވެސް އަދި ރަށެއްގެ މީހަކަށްވެސް އެރަށަކަށް މިވެނިކަމެއް އެބައޮތޭ އެކަމެއް ކޮށްނުދިނޭ ނުބުނެވޭފަދަ ހީލަތްތެރި ގޮތަކަށެވެ. އެކަމަކު ރައީސުލް ޖުމްހޫރިއްޔާ ވަރަށް ބާރަށް ވިދާޅުވި ވާހަކަފުޅެއް އެބައޮތެވެ. މިއަހަރަށް ހުށަހެޅި ރިޔާސީ ބަޔާނުގައެވެ. ވިދާޅުވީ މިއީ އަމަލީ މަސައްކަތުގެ އަހަރު ކަމަށެވެ. ނަތީޖާ ފެންނާނެ އަހަރު ކަމަށެވެ. ޚާއްޞަކޮށް މިއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެންނާނެ އަހަރު ކަމަށެވެ.

އަހަރު ދެބައިވެ ބޮޑުވީއެއެވެ. މިފަހަރުވެސް ހަމަ އިހުހުރި ގޮތަށެވެ. ރަށްރަށުގައި އާ ކަމެއް ނުފެށުނެވެ. ހުއްޓިފައިވާ މަޝްރޫއެއް ފަށައެއް ނުގަނެވުނެވެ. ނުވިތާކަށް އެކަންކަމަށް ބައެއް ރަށް ރަށަށް ގެންގޮސްހުރި ބައެއް ސާމާނުތައް ބާލައިގެން އެހެން ރަށްރަށަށްވެސް ގެންދާން ފެށިއެވެ. ފެށިއްޔާ ފެށިކަމެއް ހިނގައެއް ނުގަތެވެ. ޑިވެލޮޕްމެންޓް ބޭންކާ، ބަންކަރިންއާ ފޭކްޕްރިންސުން ލައްވާ ގެނައި ބޮޑެތި މަޝްރޫއުތަކުން ވީމޮޅެއް ފެނުނު ތަރައްގީއެއް ނެތެވެ. ރަށެއްގައި ބޭންކުން ބެހެއްޓި އޭޓީއެމްއަކީ ބިޔަ ބޮޑުމަޝްރޫއުތަކެއްގެ ގޮތުގައި ދެއްކިނަމަވެސް އިތުރު އާ ކަމެއްގެ ރިބަންފަށެއް އަމިއްލައަށް ކޮށްގެން ކަނޑައެއް ނުލެވުނެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕޭނަށް ޕީއެންސީން ރަށްރަށަށްދާއިރު ކަންމިހެން ހުރިއިރު ސަރުކާރުގެ ސިޔާސީ މަގާމްތައް އިންތިހާއަށްވީ ގިނައެވެ. ހުއްޓުމެއްނެތި އެކަން ދަނީ ތަރައްގީވެ ބޮޑުވަމުންނެވެ. ތަރައްގީއަށް ޚަރަދުކުރި ފައިސާގެ އަދަދު ބޮޑުތަނުން ދަށްވެ މުސާރައަށްކުރި ޚަރަދުތަކުގެ އަދަދު ބޮޑުތަނުންވީ އިތުރެވެ. އާސަންދަ ލިބުމުގެ ދަތިކަން އިންތިހާއެވެ. ބޭސް ނުލިބުން އިތުރުވެ އެކަމަށް ލިބުނު ހައްލެއްނެތެވެ. މީހާ މަރުވާހިސާބަށްދާއިރު އައިޖީއެމްއެޗްގެ ކިއުއިން ޖާގަ ލިބުމަކީ އުނދަގޫ ކަމެކެވެ. ޑޮލަރުގެ އަގު ވިއްސާ ގާތްކުރަނީއެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އަތްނުފޯރާ ފަށަށް އަރަނިއެވެ.

ކޮންމެއަކަސް މަޖިލިސް ދީގެން ރައްޔިތުންނަށްވީ މޮޅެއް ފައިދާއެއް ނެތެވެ. ކުރީ ސަރުކާރުގެ ދުއްތުރާލުން ނެއްޓޭން ހޯދި މަޖިލިސް މެޖޯރިޓީއާއެކު ރައްޔިތަކަށް ކޮށްދެވުނު ކަމެއްނެތެވެ. އަހަރު ނިމި ދައުރު ދެބަޔަށްއެޅެންދާއިރު އަދިވެސް އުޅެނީ ކުރީ ސަރުކާރު ކުރީ ސަރުކާރުން ނުނެއްޓިގެންނެވެ. އެހެންކަމަށްވާނަމަ ކައުނަސިލް އިންތިޚާބަށް ރަށްރަށަށްގޮސް ކަންކަން ކުރެވޭނީ ކައުންސިލް ލިބިގެންނޭ، ސަރުކާރަށް ކައުންސިލް މުހިއްމޭ، ކުރީ ސަރުކާރާހެދި ނުވެއޮތް އޮތުމޭ ބުނެ ދައްކާ ވާހަކަތައް ވާނީ ބޮޑު ޖޯކަކަށެވެ. ރައްޔިތުންނަށް އެނގޭ ހަގީގަތަކީ މަޖިލިސް އިންތިޚާބުގައިބުއި ހިތިބޭހެން ލިބުނު ޝިފާއެއްނެތި އެކަމުންވީ އިތުރަށް ބަލިކަމެވެ. ދެނެއް ތިޔަ އަވައިގައި ޖެހި އަނެއްކާ އަނެއްހިތި ބޭސް ބޯން ބޭނުމެއް ނޫނެވެ. ކުރީ ސަރުކާރުގެ ކިބައިން ސަލާމަތްވެ ރައްޔިތުންނަށް ކަންކަން ކޮށްދޭން ހޯދި މަޖިލީހުގެ މެޖޯރިޓީން ނެއްޓެވުނު ކުރީ ސަރުކާރެއް ނެތެވެ. ރަތްމަލަށް ބިރުގަންނަ ފަދައިން މިހާރު ތިޔަބަޔަކަށް ބިރު ގަނެއެވެ. ކުރީ ސަރުކާރުން ނެއްޓޭކަށް ދެން ތިޔަކަމެއްގައި އާއެކޭ ބުނެވޭކަށް ނެތެވެ.

- ކޮމެންޓް