ފުލުހުންގެ އިދާރާ ކުރިމަށްޗަށް އެއްވުމަށް ގޮވާލި މައްސަލާގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ 60،000ރ އިން ޖޫރިމަނާ ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އެފައިސާ އިލެކްޝަންސް ކޮމިޝަނަށް ދައްކާފައި ނުވާނެ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ 60،000ރ އިން ޖޫރިމަނާ ކުރިއިރު، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ ވެސް ދޫކޮށްފައި ނުވާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެފައިސާ ސިޔާސީ ޕާޓީތަކަށް ދޫނުކޮށް ހިފަހައްޓާފައިވާއިރު އެއީ ގާނޫނާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ކަމެއް ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ ޖޫރިމަނާ ކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ނައިމާ މުހައްމަދު (ނައީމާއްތަ) ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އެންގުމުން ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވުމަށް ގޮވާލައި އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ޓްވީޓް ކުރި މައްސަލާގައެވެ.
އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޖޫރިމަނާ ކުރީ އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް އެމްޑީޕީ އަށް އެންގުމުން ވެސް އެފަދަ ކަންކަން ތަކުރާރުކޮށް ކުރަމުންދާތީ ކަމަށެވެ.
އިލެކްޝަންސްގެ ސިޓީގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ. މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީ ޖޫރިމަނާ ކޮށްފައެވެ.
ޖޫރިމަނާ ކުރުމާ ގުޅިގެން އަނަސް މީގެކުރިން ވިދާޅުވެފައި ވަނީ، އިލެކްޝަންސް ކޮމިޝަނުން އެ ބުނާ ފަދަ ޓްވީޓެއް އެމްޑީޕީން ކޮށްފައިނުވާނެ ކަމަށާއި "އެޔެއް މިޔެއް ނުބަލާ ފިޔަވަޅު އެޅުމާއިގެން އުޅެންޏާ ވާނީ މިހެން" ކަމަށެވެ.
އަނަސް ވިދާޅުވީ ވާނުވާ ނުބަލާ ޕާޓީތައް ޖޫރިމަނާ ކުރުމަށް ވުރެ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދިނުން މާ ބޮޑަށް ރަނގަޅު ވާނެ ކަމަށެވެ. އެގޮތުން ޖޫރިމަނާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާއިރު، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ދޭންޖެހޭ ފައިސާ އަދިވެސް ދޫނުކުރާ ކަމަށް އަނަސް ވިދާޅުވިއެވެ.