ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން މެންބަރުންގެ ގޮނޑީގެ މައްސަލަ ހައްލުނުވާ މައްސަލައެއްގެ ގޮތުގައި ދިގުދެމިގެންދާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އޭނާގެ ބްލޮގްގައި ބަޔާން ކޮށްފައިވާ ގޮތުގައި، އީސީން ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ނިންމި ނިންމުން، ސުޕްރީމް ކޯޓުން ބާތިލު ކޮށްފައި ނުވުމުގެ ސަބަބުން އެ ކޮމިޝަނުން ކުރިން ނިންމި ނިންމުމާއިގެން ކުރިއަށްދާން ނިންމާފައިވާކަން އިއުލާނު ކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ބައި-އިލެކްޝަން އިއުލާނު ކުރާނީ އެ ގޮނޑި ހުސްވުމުން ކަމަށާއި ގޮނޑި ނުގެއްލޭ ކަމަށް ކިތަންމެ ވަރަކަށް ގަބޫލު ކުރި ނަމަވެސް އީސީގެ ނިންމުމާއި އެކު ހަތަރު މެންބަރުން މެންބަރުންގެ ގޮތުގައި މަޖިލީހުގެ ރިޔާސަތުން ނުބެލުމަކީ ވަރަށް ގާތްކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމުން ކަމަށްވާ އިރު، އެކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުން ހައްލެއް ނުލިބޭ ކަން މެންބަރު ނަޝީދު ފާހަގަ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ގޮނޑި ގެއްލިއްޖެ ކަމަށް ބެލިދާނެ ކަންކަމުގެ ގޮތުގައި ނަޝީދުވަނީ ކަންތައްތަކެއް ފާހަގަ ކޮށްފަ އެެވެ. އެގޮތުން ގޮނޑިގެއްލިއްޖެ ކަމަށް އިޝާރާތް ކުރާ ނުވަތަ ދަލީލު ކުރާ އެއްވެސް ޖުމްލައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، އެ ނިންމުމުގެ ތެރެއިން ފާހަގަ ނުކުރާ ކަން ފާހަގަ ކޮށްފައިވެ އެވެ. މި މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާ އިރު އީސީގެ ނިންމުމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ހަވާލާދީފައި ނުވާ ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މިގޮތަށް އޮތުމުން ހުށަހެޅި މައްސަލައިގައި ހައްލަކަށް އެދިފައިވާ ކަންކަމަށް ހައްލު ހޯދައިދީފައިނުވާތީ، އެ 4 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބަލަން ބޭނުން ބަޔަކަށް އެކަން އެގޮތަށް ނިންމުމަށް ފުރުސަތު ލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ގޮނޑި ނުގެއްލޭނެ ކަންކަމުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ 13 ޖުލައި ހުކުމުގައި ކަނޑައަޅާފައިވާ އަހްކާމުތައް ހިނގާނީ 13 ޖުލައިގެ ފަހުން ކަމަށާއި ހުކުމްއާއި ގަޟިއްޔާގައި ކަނޑައަޅާފައިވާ އަހްކާމުން 14 ޖުލައިގެ އަމުރުން އިތުރަށް ކަށަވަރުކޮށްދީފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެ އެވެ. އަދި އެ ގަޟިއްޔާއިން ބަޔާން ކޮށްފައިވާ ގޮތުގެ މަތިން މެނުވީ، އެގަޟިއްޔާގެ ހުކުމުގެ ތާރީހާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގއި ތިބި މެންބަރުންގެ މެންބަރުކަމާ މެދު ހިޔާލެއް އުފެދެންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ޖުލައި 13 ވަނަ ދުވަހުގެ ހުކުމަކީ އެ ހުކުމަށް ފަހު މެންބަރުން އަމަލުކުރާ ގޮތެއްގެ މައްޗަށް ހިނގާނެ އަހުކާމުތަކެއް ހިމެނޭ ގަޟިއްޔާއެއްކަން ބަޔާންކޮށްފައި އޮތުމުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބާރު ލިބޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ނަޝީދު ލިޔުއްވައިފައިވާ ލިޔުމުގައި ވެސް ވަނީ މި ހުކުމުގެ ސަބަބުން ދެ ގޮތަކަށް ތަރުޖަމާކުރެވޭނެ ކަން ފާހަގަ ކުރައްވައިފަ އެވެ.
ނަޝީދު ވަނީ ކޯޓެއްގެ ނިންމުމުން ނިކުންނަން ޖެހޭނީ އެއް ނަތީޖާއެއް ކަމަށާއި ދެކޮޅަށް ދަތުރުކުރާ، ދެކޮޅަށް ވާން ކުރާ ދެ ނިންމުމެއްގެ ގޮތުގައި ކޯޓެއްގެ އެއް ނިންމުމެއް އޮވެގެންނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.