ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ދެވޭ ލޯތްބާއި މަގާމެއްގެ ސަބަބުން ލިބޭ އެއްޗެއް ކަމަށާއި، މި ސަރުކާރުގެ ބާރުނެތެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާރިޔާ ވިދާޅުވީ މިސަރުކާރުން މިހާރު ކަންކަން ކުރަމުންދަނީ ރައްޔިތުން ބޭނުންނުވާ ގޮތްގޮތަށް ކަމަށާއި، ދުވަހަކަށްވުރެ ދުވަހެއް މިސަރުކާރަށް ރައްޔިތުން ދެމުންދިޔަ އިހުތިރާމް ކުޑަވަމުންދާ ކަމަށެވެ. ގައުމުގެ ހުރިހާ ދިމާލަކުން އެ މަންޒަރު ފެންނަ ކަމަށާއި، ރައްޔިތުން ސަރުކާރާ މެދު ނުރުހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، ޑޮލަރުގެ ރޭޓް ވެސް 19 ރުފިޔާއަށްވުރެ މަތިވެފައިވާއިރު، ވަރަށް ބޮޑަށް ރައްޔިތުންނަށް ދަތިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިގޮތަށް އަބަދު ހިފަހައްޓާނުލެވޭނެ ކަމަށެވެ.
މި ސަރުކާރުގެ ބޭފުޅުންގެ އަމަލުތަކަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ ބާރުހުރިކަން ދައްކާލުމަށް ކުރާ ކޮންމެ ކަމަކުން ސަރުކާރުގެ އަގުވެއްޓޭ ކަމަށެވެ. މި ބާރުވެރިކަމަކީ ރައްޔިތުންގެ ހިތުން ލޮއެއްބާއެކު ދެވޭ މަގާމެއްގެ އިތުރުން ދެވޭ އިހުތިރާމެއް ސަބަބެއްގެ ސަބަބުން ލިބޭ އެއްޗެއް ކަމަށާއި، މިކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ދައުލަތް ހިންގުމުގައި ހަރުކަށިކޮށް، ކައުންސިލްތައް ވާކޮށްލައި، ދާއިރާތައް ކުރިއެރުވުމުގެ ނަމުގައި ކަމާގުޅުންހުރި މީހުންނާ މަޝްވަރާ ނުކޮށް ސަރުކާރުން ނިންމާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ނިންމާފައިވާ ނިންމުންތަކުން ރައްޔިތުންނާމެދު މިސަރުކާރުން ނުވިސްނާކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރުން އަބަދުވެސް ރައްޔިތުންނާ މެދު ވިސްނާ ކަމަށާއި، މަޝްވަރާ އަބަދުވެސް އިސްކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވެލްފެއަރ ސްޓޭޓެއް ގާއިމްކޮށްދިނީ އެމްޑީޕީން ކަމަށެވެ.
އެގޮތުން 65 އަހަރުން މަތީ މީހުންނަށް އިނާއަތް، ހުސްނުވާ އާސަންދަ، އެކަނިވެރި މައިންނަށް އެލަވަންސް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާއަތް ހަމަޖައްސައިދިނީ އެމްޑީޕީގެ ސަރުކާރުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ކޮންމެ ހާލަތެއް ގައުމަށް ކުރިމަތިވި ނަމަވެސް ޑިމޮކްރަސީގެ ރީތި އުސޫލު ހިފަހައްޓައި، މަޝްވަރާ ކުރާ ކަމަށާއި، ރައްޔިތުންގެ ހިޔާލު ހޯދާ ކަމަށެވެ. އަދި ކެތްރިކަން އިސްކޮށް ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ނިންމާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެހެންކަމުން މިއަދު އެމްޑީޕީގެ މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމަށާއި، އެމްޑީޕީ ވެރިކަމަށް އައުމަށް ގިނަ ރައްޔިތުން އެދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
2028 ގައި ވެރިކަމަށް އަންނާނެ ޕާޓީއަކީ އެމްޑީޕީ. ރައްޔިތުން ގަބޫލުކުރޭ ރައްޔިތުންނާ ގާތުން ރައްޔިތުންނާ ދޭތެރޭގައި ވިސްނާ ރައްޔިތުން ބާރުވެރިކުރުވައި، ހަގީގަތުގައި ފަސޭހަކަމެއް ވެސް ނޫން އެނގޭތޯ އަޅުގަނޑުމެންގެ ގޭ ދޮށުގައި ވެސް ހަމަ މުޒާހަރާކޮށް ހުރިހާ ކަމެއް ކުރާނެ އަޅުގަނޑުމެން ވެރިކަމުގައި ތިބޭއިރު. ފެނިވަޑައިގަންނަވާނެ ގޭގެ ދޮރުމަތީގައި ލިޔެ އަނެއް ކަމެއް ކޮށް މިހުރިހާ ކަމެއް އިންތިހާއަށް އޮންނާނެ ހިޔާލު ފާޅުކުރުމުގެ ބާރު ވެސް. ވަރަށް ގިނައިން ޑިމޮކްރަސީގައި އުޅޭ އެ ގަބޫލުކުރާ މީހުން ވެސް އައިސްފައި ބުނާނެ މިއީ ތަންކޮޅެއް ބޮޑުވަނެއްނުންހޭ. އެކަމަކު ވެސް ކެތްތެރިވާންޖެހޭނެ. ސަރުކާރެއްގައި ތިބޭއިރު ވަރަށް ކެތްތެރިވާންޖެހޭނެ. އެ މިއުޅެނީ ރައްޔިތުން ބޭނުންވި ކަންކަމެއްގެ ތެރެއިން ކުރިއަށްދާން. ހަމަ އެމްޑީޕީއަށް ވެސް ބޮޑު މެޖޯރިޓީއެއް އޮތޭ ސަރުކާރަށް އާދެވުނުއިރު. ހަމަ ދިޔަ ގޮތަށް ހުރިހާ ބާރުތަކެއް މުށުތެރެއަށްލާ އެކަހަލަ ކަންކަމެއް ނުކުރުވާ. ވިސްނުންތެރިކަމާއެކު ރައީސް ސާލިހުގެ މިދިޔަ ފަސް އަހަރު ވެސް ގެންދެވީ. ވީހާވެސް ވަރަށް ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންނަށް ޚިދުމަތްތައް ދެއްވަމުން.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ![]()
މާރިޔާ ވިދާޅުވީ މި ސަރުކާރުން ސިޔާސީ މަގާމުތައް އިތުރުކޮށް، ކުރާނެ މަސައްކަތެއް ނެތި ބޮޑެތި މަގާމުތައް ދިނުމުން ޑިސިޕްލިނިންގ ގެއްލޭ ކަމަށެވެ. ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅިގެން ވެސް ސަރުކާރުން އެގޮތަށް މަގާމުތައް ބަހާނެ ކަމަށާއި، މިކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.