ކ. މާލެ
|
28 ޖޫން 2025 | ހޮނިހިރު 09:11
އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން
އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން
މިހާރު
އެފްއޭއެމް
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
އެފްއޭއެމްގެ އަސާސީ ޤަވާއިދު އިސްލާހު ކުރުމަށް ފާސްކޮށްފައި ވަނީ ކޮންގްރެސް އަށް ޙާޟިރުވި މެމްބަރުންގެ އިންތިފާގުންނެވެ. އެގޮތުން 21 މެމްބަރުންގެ އިންތިފާގުން ވަނީ އަސާސީ ޤަވާއިދު ފާސްކޮށްފަ އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓްރީ ސްޕޯޓްސް ކުލަބަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދާއިމީ މެމްބަރުކަން އަލުން ދިނުމަށް ހިމަނައި، އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދު ފާސްކޮށްފި އެވެ.

އެފްއޭއެމްގެ އަސާސީ ޤަވާއިދު ފާސްކޮށްފައި ވަނީ ހުކުރު ދުވަހު ކުރިއަށް ދިޔަ އެ އެސޯސިއޭޝަންގެ އޯޑިނަރީ ކޮންގްރެސްގަ އެވެ.

އެފްއޭއެމް އިން ނިއު ރޭޑިއަންޓާއި ވިކްޓްރީ ސަސްޕެންޑު ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ނިއު ސަސްޕެންޑު ކުރިއިރު، ފަހުން ވަނީ އެ ސަސްޕެންޝަން ދަމަހައްޓައިފަ އެވެ. އޭގެ ފަހުން އެ އަހަރުގެ ޑިސެމްބަރު މަހު ވަނީ ވިކްޓްރީ ވެސް ސަސްޕެންޑު ކޮށްފަ އެވެ.

އޯޑިނަރީ ކޮންގްރެސްގައި އެފްއޭއެމްގެ އަސާސީ ޤަވާއިދަށް ގެނައި ބަދަލު ތަކުގެ ތެރޭގައި، ފުރަތަމަ ޑިވިޝަން އާއި ދެ ވަނަ ޑިވިޝަންގައި މިހާރު ކުޅެމުންދާ އެންމެހައި ކުލަބުތައް މެމްބަރުންގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. ވިކްޓްރީ މިހާރު އޮތީ ފުރަތަމަ ޑިވިޝަންގަ އެވެ. ނިއު ރޭޑިއަންޓް އޮތީ ދެ ވަނަ ޑިވިޝަންްގަ އެވެ. މި ބަދަލާ އެކު، ދެ ކުލަބަށް ވެސް އެފްއޭއެމްގެ މެމްބަރުކަން ލިބުނީ އެވެ.

މި ބަދަލާ އެކު ފުރަތަމަ ޑިވިޝަންގައި 10 ކުލަބު އޮންނައިރު، ދެ ވަނަ ޑިވިޝަންގައި އޮންނާނީ 13 ކުލަބެވެ.

މީގެ އިތުރުން އަލަށް ހޮވޭ ހިންގާ ކޮމެޓީ އިން ރީޖަނަލް އެސޯސިއޭޝަންތައް ކަނޑައަޅަން ޖެހޭ ގޮތަށް އިންތިޤާލީ މާއްދާގައި ބަޔާން ކުރުމާއި، ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އެކުލަވާލާ ޤަވާއިދުގައި ރީޖަނަލް އެސޯސިއޭޝަންތަކުގެ އޮނިގަނޑު ސަރުކާރުން ކަނޑައެޅުމާއެކު، ހިންގާ ޤަވާއިދުގެ ދަށުން އެ އެސޯސިއޭޝަންތައް ޤާއިމު ކުރުމަށް ކަނޑައަޅަން ޖެހެ އެވެ.

ރީޖަނަލް މުބާރާތްތައް ބޭއްވުމުގެ ހިންގާ ކޮމެޓީ އިން ކަނޑައަޅާ ގޮތެއްގެ މަތިން ބޭއްވުމުގެ އިޚުތިޔާރު ދިނުމާއި، ހިންގާ ޤަވާއިދަށް އަމަލު ކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމެޓީ އިން އަންހެނުންގެ ފުޓުބޯޅަ މުބާރާތުގެ އޮނިގަނޑެއް އެކުލަވާލައި، ކޮންގްރެސް އަށް ހުށަހަޅަން ޖެހޭނެ އެވެ.

ހަމަ އެހެންމެ ހިންގާ ކޮމެޓީގައި މަދުވެގެން ދެ އަންހެން މަންދޫބުން ތިބެން ޖެހޭނެ ކަމަށް ކަނޑައެޅުމާއި، އޮޑިޓް އެންޑް ކޮމްޕްލަޔަންސް އަދި ޖުޑީޝަލް ބޮޑީތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް ހުރި މިންގަނޑުތައް އިތުރަށް ޚަރުދަނާކޮށް، ކޮންފްލިކްޓް އޮފް އިންޓްރެސްޓް އަދި އިންޓްގެރިޓީ ޗެކްސް ހިމަނަން ޖެހެ އެވެ.

މާލީ ހިންގުމާ ބެހޭ މައުލޫމާތާއި، އޮޑިޓް ރިޕޯޓާއި، އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމެޓީގެ އަހަރީ ރިޕޯޓާއި، ހިންގާ ކޮމެޓީގެ މެމްބަރުންނަށް ދޭ މުސާރަ އާއި އިނާޔަތްތަކާ ބެހޭ މައުލޫމާތު ޝާއިއު ކުރަން ޖެހޭ ގޮތަށް ކަނޑައެޅުން ހިމެނެ އެވެ.

އަދި މީގެ އިތުރުން ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި، ޚަރަދުތަކާއި، އިންވެސްޓްމަންޓްތަކާއި، އެއްބަސްވުންތައް ހިންގާ ކޮމެޓީހެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

އެފްއޭއެމްގެ އަސާސީ ޤަވާއިދު އިސްލާހު ކުރުމަށް ފާސްކޮށްފައި ވަނީ ކޮންގްރެސް އަށް ޙާޟިރުވި މެމްބަރުންގެ އިންތިފާގުންނެވެ. އެގޮތުން 21 މެމްބަރުންގެ އިންތިފާގުން ވަނީ އަސާސީ ޤަވާއިދު ފާސްކޮށްފަ އެވެ.

- ކޮމެންޓް