ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ރައްޔިތުންގެ މަލާމަތް ރައްދުވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ބަންޑާރަނައިބު އޮފީހުން ހުސަހަޅާއިގެން ބަހުސްކުރަމުންދާ ބިލަކީ މަޖިލީހުގެ ނިމިދިޔަ ދައުރުގެތެރޭގައި ހުށަހެޅި ފާސްކުރެވި އަދި ތަސްދީގުވެސް ކުރެވުނު ބިލެއްކަމަށާއި އެތައް ދިރާސާއެއް ކުރުމަށްފަހު ހަދާފައި ފޮނުވާލައި ބިލު އަނެއް ދުވަހު މަޖިލީހަށް އައީމާ ރައްޔިތުންވެސް މަލާމަތް ކުރާ ހިސާބަށް ގޮސްފިކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ހުށަހެޅި ބިލަށް ބަހުސް ކުރަމުން މެންބަރު މައުރޫފް ވިދާޅުވީ މިދައުރުގައި ޓުވަރިޒަމް ގާނޫނު މަޖިލީހުގައި ހަތަރު ފަސްފަހަރު އިސްލާހު ކުރަން ޖެހިފައިވާ ކަމަށާއި، ލާމަރުކަޒީ ގާނޫނު ތިން ހަތަރު ފަހަރު އިސްލާހުކުރަން ޖެހިފައިވާ ކަމަށެވެ.
ބަންޑާރަނައިބު އޮފީހުގެ ބިލަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެ ބިލު ފާސްކުރާ ދުވަސްނޫން އެނެއް ދުވަހު އަނެއްކާ ވެސް ހަަމަ އެބިލު އިސްލާހު ކުރަން ޖެހުމުން ގިނަ ސުވާލުތަކެއް އުފެދޭ ކަމަށާއި، ދައުލަތުގެ ބަންޑާރަ ނައިބުގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
ބަންޑާރަ ނައިބަކީ މަޖިލީހަށް ބިލްތަކާއި ހެދިފައިހުރި ގާނުނުތަކާއި އިސްލާހު ހުށަހަޅަންހުރި ފަރާތްކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ލެޖިސްލޭޓިވް އެޖެންޑާއެއްގެ ގޮތުގައި އެތައް ގާނޫނެއް އިސްލާހު ކުރަށްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވީ ނަމަވެސް އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.
މެންބަރު މައުރޫފް ވިދާޅުވީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން ހުށަހަޅާ ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ނުވަތަ ކުރާނެ ބަހުސްއެއް ނެތުމުން އެ ވާހަކަތައް ދައްކަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އިއްޒަތްތެރި ރައީސް މި ވަޒީރުންނަށް މިކަން ނުވާކަމުގައިވާނަމަ ކޮންމެސް ގޮތެއް އަޅުގަނޑުމެން ހަދަންޖެހޭ، އަޅުގަނޑުމެން އެތަށް ދިރާސާއެއް ކޮށްފައި ހަދާ ފޮނުވާލާ ބިލު އަނެއްދުވަހު މަޖިލީހަށް އައީމާ އިއްޒަތްތެރި ރައީސް މިކަން މިހެނެއް ނުވާނެ، ރައްޔިތުންވެސް އަޅުގަނޑުމެންނަށް މަލާމަތް ކުރާ ހިސާބަށް އިއްޒަތްތެރި ރައީސް މިކަން ހިނގައިދާނެ، އަޅުގަނޑުމެންނަށް އެބަ އިނގޭ ނޫންތޯ މިތަނުގައި ބަހުސްކޮށްލީމަ މުޅި ދުނިޔެއަށް ވަމުންދާ ގޮތް، އިއްޒަތްތެރި ރައީސް އަޅުގަނޑަށް ފެނޭ މިމަޖިލީހުގައި މިކަންކަން ކުރަން ފަށަން އެއްގޮތަކަށްވެސް މި އުނބަށް ޖެހުމުގެ މަޝްރޫޢު ހުއްޓާލާ މި މަޖިލީހުން ތަންކޮޅެއް ސީރިޔަސް މައްސަލައެއް ގޮތުގައި ދެކި މިމަސައްކަތްތައް ކުރަން ފަށަން،
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު![]()
މެންބަރު މައުރޫފް ވިދާޅުވީ މަޖިލީހުގެ ރައީސް އިސްނެންގެވުމުގެ މަތިން ގާނޫނުތައް ދިރާސާ ކުރަންޖެހޭ ކަމަށާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.