ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 13:44
މަޖިލިސް ގޮނޑި ގެއްލުނުކަމަށް ބުނާ ބައެއް މެމްބަރުން --
މަޖިލިސް ގޮނޑި ގެއްލުނުކަމަށް ބުނާ ބައެއް މެމްބަރުން --
އިސްމާއިލް ނާއިލް ނަޝީދު
މަޖިލިސް ބައި-އިލެކްޝަން
މަޖިލިސް ބައި-އިލެކްޝަން ހުއްޓުވުމަށް ކޯޓަށް ހުށަހެޅުމަށް ސުއޫދު ގޮވާލައްވައިފި
ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ގައުމުގައި ވަނީ ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފަ

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެކަން ހުއްޓުވުމަށް ކޯޓަށް ހުށަހެޅުމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ގޮވާލައްވައިފި އެވެ.

ސުއޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ސުވާލު އުފެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ނިސްބަތްވާ މެމްބަރުންނަށް، އެމެމްބަރުންގެ ގޮނޑީގެ ބައި-އިލެކްޝަން ހުއްޓުވުމަށްޓަކައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ.

މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްބުނާ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ރާއްޖޭގެ މަޝްހޫރު ގިނަ ގާނޫނީ ވަކީލުންނާއި ސިޔާސީ ގިނަ ފަރާތްތަކުން ދަނީ ތަފާތު ދެގޮތަކަށް ވާހަކަ ދައްކަވަމުންނެވެ.

ބައެއް ގާނޫނީ ވަކީލުން ބުނަމުންދަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމާއި ގުޅިގެން މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދަނީ މްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. 

މިމައްސަލަ އަށް ސޯޝަލް މީޑިއާގައި ގިނަ ރައްޔިތުން ބަހުސް ކުރަމުންދާއިރު، ސުއޫދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މާރުކޭޓުގައި ކާށި ވިއްކަން ހުންނަ މީހާއަށް ވީވަރުވެސް ނުވި ކަމަށެވެ.

"މާރުކޭޓުގައި ކާށި ވިއްކަން ހުންނަ މީހާވެސް ބުނޭ، އެއީ ކާއްޓެއްވިއްޔާ ކާއްޓެކޭ. ކުރުނބަލެއް ވިއްޔާ ކުރުބަނލަކޭ،" ސުއުދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށްބުނާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑީގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު އަދި މައްޗަންގޮޅު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ ގޮނޑި ގެއްލި ފައިވާ ކަމަށެވެ.

ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ އިތުރުން މަޝްހޫރު ގިނަ ގާނޫނީ ވަކީލުންގެ އިތުރުން ކުރީގައި ދައުލަތުގެ ބަންޑަރަ ނައިބުކަން ކުރައްވާފައިވާ ސުއޫދުގެ އިތުރުން ފާތުމަތު ދިޔާނާ ސައީދު ވެސް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި ނުވާކަމަށެވެ. ހަތަރު މެމްބަރުނާއި އެ ދާއިރާގެ ރައްޔިތުންގެ ހައްގު ސަރުކާރުން ފޭރުނު މައްސަލައިގައި ކަޅާއި ހުދުން ސާފު ފަރުވާއެއް ސުޕްރީމް ކޯޓަށް ނުދެވުމަކީ ހިޔާނާތެއް ކަމަށް ދިޔާނާ ވިދާޅުވެފައިވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރައްވާފައިވާ ޕީޕީއެމްގެ މެމްބަރު އަދި މިހާރު ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮބެ، ކިޔުއްވާފައިވާ ލަވަޔެއް ޓްވީޓް ކުރައްވާފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް