ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 13:08
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓުގެ ހުކުމް
އިންތިިިހާބީ މަގާމު ކަށަވަރުވާ މާއްދާ ސުޕްރީމް ކޯޓުން ބާތިލެއް ނުކުރި!
ދައުލަތުން ބުނީ ގާނޫނާއި ހުކުމާ ތައާރުޒުވާ ކަމަަށް
ދައުލަތުން ބުނީ އެ މާއްދާ ދެމިއޮންނަ ނަމަ ހުކުމުގެ މަގްސަދު ހާސިލްނުވާ ކަމަށް
އާދިއްތަ ދުވަހުގެ ނިންމުމުގައި ގޮތެއް ކަނޑައަޅާފައެއް ނެތް

ސިޔާސީ ޕާޓީއަކުން ވަކިކުރިޔަސް އިންތިހާބީ މަގާމު ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ މާއްދާ ބާތިލްކުރުމަށް ދައުލަތުން އެދުނު ނަމަވެސް، ސުޕްރީމް ކޯޓުން އެކަމާ މެދު ގޮތެއް ނުނިންމައި، ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދަނިކޮށް ދައުލަތުން ވަނީ ސިޔާސީ ޕާޓީތަކުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކުރަން ހުށަހަޅާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަކީ މެންބަރަކާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ބ) ގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ. 

ބަންޑާރަނައިބުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވި ވަކީލާ މާޝާ ލުތުފީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ނެރެފައިވާ ހުކުމެއް ކަމަށާއި ގާނޫނެއްގެ މާއްދާއެއް އެ ހުކުމާ ތައާރުޒުވާނަމަ ބާތިލްކުރަން ވާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. އަދި އެ މާއްދާ ދެމިއޮންނަ ނަމަ ސުޕްރީމް ކޯޓުގެ ހުކުމުގެ މަގްސަދު ހާސިލް ނުވާނެ ކަމަށާއި މެންބަރުން ޕާޓީ ބަދަލުކުރުމަށް ހައްލެއް ހޯދައި ނުދެވޭނެ ކަމަށެވެ.

މާޝާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ތައާރުޒުވާ ކަމަށާއި، އެ މާއްދާ ބާތިލް ނުކޮށްފިނަމަ ހުކުމުގައި ބުނާ ތިން ހާލަތުން ކުރެ ހާލަތެއްގެ ބޭނުން ކެނޑިގެންދާނެ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވި އެ ހާލަތަކީ ސިޔާސީ ޕާޓީން ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމުގައި ބުނާ ހާލަތް ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެއިން ޕާޓީ ބަދަލުކުރާ މެންބަރުންނާއި، ވަކިކުރާ މެންބަރުންނާއި ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން، ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކޮށްފައެއް ނުވެއެވެ.

އެ ހުކުމުގެ ފަހުން ޖުލައި 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނާއި، ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތަށް ތަބާވުން އިސްތިސްނާ ކުރެވިގެން ނުވާކަން ހުކުމުގައި ކަނޑައެޅިގެން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން  ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ ދެމި އޮންނާނެއެވެ.

މެންބަރުންގެ ގޮނޑީގެ މައްސަލައިގައި އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވެސް ސިޔާސީ ޕާޓީގެ ގާނޫނުގެ އެ މާއްދާއާ މެދު ވަކިގޮތެއް ކަނޑައަޅާފައިނުވެ އެވެ. 

ސިޔާސީ ޕާޓީއަކުން ވަކިކުރިޔަސް އިންތިހާބީ މަގާމު ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ މާއްދާ ބާތިލްކޮށްފައި ނުވާތީ، މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްޚަ ނޫންކަން ހާމަވާ ކަމަށް މެންބަރުންގެ ވަކީލުން ވިދާޅުވެއެވެ.

އެހެންނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހުގެ ރޭ ވަނީ އެ ކޮމިޝަނުގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައިނުވާ ކަމަށް ބުނެ، މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބަލައި، އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެކަން ހާމަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް