ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 21:49
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލުން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލުން
ސޯޝަލްމީޑިއާ
ފ.އަތޮޅު ކައުންސިލް
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ އަލީ އަހުމަދު އަކީ ފޮރިން މިނިސްޓަރ ޑރ.އަބްދުﷲ ހަލީލް އާއި އާއިލީ ގުޅުން އޮންނަ ބޭފުޅެއް
ފ.އަތޮޅު ކައުންސިލްގެ ރައީސް ހައްވާ އާއި މިކަމާއި ގުޅޭގޮތުން ފިޔަވަޅު އަޅާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އޭނާ އަކީ ޕީއެންސީގެ ސްލޮޓްގައި ހޮވުނު މީހަކަށް ވިޔަސް މިފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށް

ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލާ ތަނުގެ ތަކެއްޗަށް ގެއްލުން ދީފިއެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އާދިއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު ކައުންސިލް ބައްދަލުވުން އޮތީ ހެނދުނު 10:00 އަށް ތާވަލުކޮށްފައެވެ. ކައުންސިލްގެ ރައީސް ހައްވާ އަބްދުލް އަޒީޒް އާއި ރާއްޖެ އެމްވީން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އާދިއްތަ ދުވަހު އޭނާގެ ބަލި ހާލަތު ހުރި ގޮތުން އޮފީހަށް ވަޑައި ނުގަންނަވާ ކަމަށެވެ. ކައުންސިލް އިދާރާގެ ތަކެއްޗަށް އަލީ އަހުމަދު ގެއްލުން ދިންކަން އެނގިވަޑައިގަންނަވާފައި ވަނީ އިދާރީ މުވައްޒަފެއްގެ ފަރާތުން ކަމަށާއި، އެކަން އެނގިވަޑައިގަތީ 10:30 ހާއިރު ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް ކައުންސިލް ޖަލްސާ އަށް ގަޑި ޖެހިގެން ވަޑައިގަތް ކަމަށާއި، ބައްދަލުވުމަށް އަލީ އަހުމަދު ވަޑައިގެންނެވި އިރު އެތަނުގެ ދޮރާއި ދިމާލަށް ވާ ގޮތަށް ހުރި ސިޑި ކައިރީގައި އެތަނުގެ މުވައްޒަފަކު ހުރި ކަމަށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ހައްވާ ވަނީ ވިދާޅުވެފައެވެ. އަދި އަލީ އަހުމަދު ބައްދަލުވުމަށް ހާޒިރުވުމާއި އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިޑި ކައިރީގައި ހުރި މުވައްޒަފު އައިސް އޭނާ އަށް ދޮރު ހުޅުވާދީފައިވާ ކަމަށް ވެސް ހައްވާ ވިދާޅުވިއެވެ.

ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ހަވާލާދީ އޭނާ ވިދާޅުވީ އެ ވަގުތުކޮޅު އެތަނުގައި މަޑުކޮށްލަން ޖެހުމުން "ބޮޑު ކަމަކަށް ވެގެން "ހިތްހަމަޖެހިވަޑައި ނުގެން، އަހުމަދު އަލީ އެތަނުގެ އެކްސެސް ޕޮއިންޓް ހަލާކުކޮށްލާފައިވާ ކަމަށެެވެ. އެގޮތުން އަހުމަދު އަލީ ވަނީ އެ ތަނުގެ ފިންގަރޕްރިންޓް މެޝިން ވަށައިގެން ހުރި ކޭސިން ނައްޓާލާ، އޭގެ ވާތައް އުފުރާލާފައި ކަމަށް ހައްވާ ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން އިތުރު ފަރާތަކުން ބުނީ ކައުންސިލްގެ ރައީސް ކަމަށް އައުމުގެ ކުރިން ވެސް އޭނާގެ އަނބިމީހާ ކައުންސިލުގައި ހުރި އިރު ދެ ފަހަރެއްގެ މަތިން ކައުންސިލްގެ ތަކެއްވަށް އަލީ އަހުމަދު ގެއްލުން ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެފަހަރުތަކުގައި އޭނާ އާއި މެދު ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

" ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަލީ އަހުމަދު އާއި ވާދަކުރަން ގިނަ ބަޔަކު ތިބި ކަމަށް ރަށު ތެރޭގައި ވާހަކަ ދެއްކޭތީ އެކަމާއި މެދު ވަރަށް ބޮޑަށް ޕްރެޝަރ ބޮޑުވެފައި ހުންނަނީ. ވަރަށް ބޮޑަށް ތިމަންނާމެންގެ ސަރުކާރު ވީމަ ބާރު ދައްކަން މަސައްކަތް ކުރޭ އޭނާ. ކުރިން ވެސް ތަކެއްޗަށް ގެއްލުން ދިން އާއްމު މީހެއްގެ ގޮތުގައި ހުރި އިރު ވެސް." ރާއްޖެ އެމްވީ އާއި ވާހަކަ ދެއްކި އެ ރަށު މީހަކު ވަނީ ބުނެފައެވެ.

ފ.އަތޮޅު ކައުންސިލްގެ ރައީސް ހައްވާ އާއި މިކަމާއި ގުޅޭގޮތުން ފިޔަވަޅު އަޅާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އޭނާ އަކީ ޕީއެންސީގެ ސްލޮޓްގައި ހޮވުނު މީހަކަށް ވިޔަސް މިފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށެވެ. ޕާޓީގެ މީހަކަށް ވީ ނަމަވެސް ތަނުގެ ތަކެއްޗަށް ގެއްލުން ދިނުމުން އެ މައްސަލަ ބަލަން ޖެހޭނެ ކަަމަށް ޤަބޫލުކުރައްވާ ކަމަށާއި ވަކި މީހަކަށް ވީތީ އުސޫލުތައް ބަދަލުވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ އަލީ އަހުމަދު އަކީ ފޮރިން މިނިސްޓަރ ޑރ.އަބްދުﷲ ހަލީލް އާއި އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ.

- ކޮމެންޓް