މިއަދަށް އިރުއެރިއިރު މަހުރީ ވަރަށް ބިރުންނެވެ. އަނެއްކާވެސް ތަޅާފޮޅުމަކަށް ހިނގައިދާނެތީއެވެ. އެބުނާ ޔޯގާ ޑޭއެއް ފާހަގަ ކުރާ ވާހަކަ ހިސާބަކަށް އަޑުއިވިފައި އޮތީތީއެވެ. މިފަހަރުވެސް އެތަނަށް ބަޔަކު މީހުން އަރައިގަނެ ހިންގަފާނެ ކަމަކާ ހުރެއެވެ. އެއްޗެހިތައް ހޫރާލާ އެކަން ކުރާން ތިބި މީހުންނަށް ހަމަލާ ދީފާނެކަމަށެވެ.
އެހެން ހީ ނުވާންވީ ސަބަބެއް ނެތެވެ. ބިރުން ތުރުތުރު ނާޅާ ވަރަށްވުރެ ކުރިން ހިނގި ހާދިސާ ބޮޑެވެ. ފެނުނު ލައިވް މަންޒަރުތައް ބިރުވެރިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުގައި 2022 ވަނަ އަހަރު، އެވަރުގެ ބޮޑު ޝިރުކެއް ހިންގާތީ ޖިހާދަށް ނުކުމެ ﷲ އަކްބަރު އޭ ބުނެ ގަލޮޅު ދަނޑަށް އަރައިގެން މަންޒަރުތައް އަދިވެސް އެހެރީ ފެންނާށެވެ. އެކަން މަނާކޮށް އެތަނަށް އެއްވެ އެކަން ހުއްޓުވާލަން ފަތުވާ ދެއްވި ދީނީ އިލްމުވެރިންގެ އަސަރުގަދަ ފަތުވާތައްވެސް އެހެރީ ހާމައަށް ފެންނާށެވެ. ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންވެސް މިސަރުކާރުން ދޫކޮށްލައިފިއެވެ. އެހެންކަމުން އެވަރުގެ ބޮޑު ޝިރުކަކަށް މިސަރުކާރުން ޖާގަ ދީފާނެއޭ މަގޭ ޒަމީރު ގަބޫލު ނުކުރީއެވެ. ސަރުކާރަށް ތާއީދުކޮށް ސަރުކާރު ގެނައި ދީނީ އިލްމުވެރިންގެ ހަށީގައި ލޭ ހިނގާހާ ހިނދަކު އެފަދަ ކަމެއް ކުރިއަ ނުދޭނެކަން ޔަގީންވީތީއެވެ. އެހެންކަމުން އެފަދަ ކަމެއް ކުރާން ބަޔަކު ކުޑަބޭރު އަރާލިޔަވެސް ނުދޭނެކަމަށް މަހުރީ ނިންމައިގެންނެވެ. ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ކަސްރަތުގެ ހަރަކާތްތަކެއް ކަމަށް ބުނެ، 2022 ގައި ނުކުމެ ގަލޮޅު ދަނޑަށް ވަދެގަން ޝެއިޚުންނާ އެމީހުންނަށް ސަޕޯޓްކުރި މިހާރު ސަރުކާރުގައިތިބި މީހުން އެކަން ހުއްޓުވާނެކަން މަހުރީ ކަށަވަރުކޮށްގެންނެވެ.
އެކަމަކު ކަންވެ ނިމިއްޖެއެވެ. އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ހަމަ ބޮޑުކޮށް ފާހަގަކޮށްފިއެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ 11 ވަނަ ޔޯގާ ޑޭ މިފަހަރުވެސް އެކަން އިންތިޒާމް ކުރީ ހަމަ އެއްކަލަ އިންޑިޔާއިންނެވެ. އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމު ކުރި ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަފުލާ މި އަހަރު ބޭއްވީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ. ޝަރަފްވެރިކޮށްދެއްވީ ސަރުކާރުގެ ބޮޑެކެވެ. އެންމެ މަތިފަޑިންނެވެ. ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އެކަމުގައި މިފަހަރު ބައިވެރިވީވެސް މަދު މީސްކޮޅެއް ނޫނެވެ. އެހަފުލާގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިއަހަރުގެ ޔޯގާ ޑޭގެ ޝިއާރަކީ "ޔޯގާ ފޯ ވަން އާތު، ވަން ހެލްތު" އެވެ.
އެކަމަކު ކުރިން އެކަމާ ދެކޮޅަށް ފެނުނު އެއްވެސް ކަމެއް ނުފެނުނެވެ. އެއްކަލަ ޔޯގާޑޭ ފާހަގަކޮށްލާ ނިންމާލައިފިއެވެ. ވަރަށް ކުލަގަދަކޮށެވެ. މިތަނަށް ޝިރުކުގެންނަން 2022 ގައި އުޅުނު އިންޑިޔާމީހުން ކުރީ ސަފުގައި ތިބެގެންނެވެ. އެމީހުން ހަދާނެ އެއްޗެއް ހަދައިފިއެވެ. ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދާއެކުގައެވެ. ސަރުކާރުގެ ބޮޑުން ބައިވެރިވެގެންނެވެ. އިސްބޮޑަކު އެންމެ އިސްމީހާގެ ގޮތުގައި ހުރެގެންނެވެ. ޝަރަފްވެރިކޮށްދީގެންނެވެ. އެއްކަލަ ޝެއިޚުން ވީތަނެއް ނޭނގުނެވެ. އެކަމާ ދެކޮޅަށް އެކަން ހުއްޓުވަން ނުކުތުން ކީއްކުރަން ހެއްޔެވެ. ކުޑަވައި އިނގިލިވެސް ހިއްލާލާކަށް ނުކެރުނެވެ. ނުވިތާކަށް ބަހެއް ބުނެލާ ބަޔާން ގަނޑެއްވެސް ނެރުނުތަނެއް ނުފެނުނެވެ.
ކޮންމެއަކަސް މިވީވެސް ތަފާތުކަމެކެވެ. އަނެއްކާވެސް މިއުފެދުނީ ވަރަށް ބައިވަރު ސުވާލު ތަކެކެވެ. ދީނީގޮތުން ބަޔަކަށް އަނެއްކާވެސް މިއެރީ ބޮޑު އުޅުމަކަށްވެސް ވެދާނެއެވެ. މިވީ ކިހިނެއް ހެއްޔެވެ. ކުރިން ހަރާމްވި ނުވަތަ ޝިރުކަކަށްވި ޔޯގާ ހަލާލް އެއްޗަކަށްވީ ބާއެވެ. ހުއްދަ އެއްޗަކަށްވީ ބާއެވެ. ކުރީގެ ސަރުކާރުގައި މިކަން ކުރުމަކީ ޝިރުކަކަށްވިއަސް މިސަރުކާރުގައި ކުރުމަކީ ގަދަވެގެންވާ ސުންނަތަކަށްވީ ބާއެވެ. އެތައް ބައިވަރު ބަޔަކު މިސުވާލު މިއަދު އެބަ އުފައްދައެވެ. ކުރިން މިވަރުގެ ޝިރުކެއް ރާއްޖޭގައި ހިންގާތީ ހިތްވަރާއެކު ދެކޮޅަށް ނުކުތް ޝެއިޚުންނާއި އިލްމުވެރިން ކޮބައި ހެއްޔެވެ. އެވެރިން ނެތީ ހެއްޔެވެ. ނޫންނަމަ ކޮންމެވެސް އެހެން މަޖްބޫރީ ހާލަތެއްގައި ތިބީ ހެއްޔެވެ. ބަހެއް ބުނެލާ ދެކޮޅަށް ތެދުވެވޭވަރަށްވުރެ ބޮޑަށް ފިތުނީ ހެއްޔެވެ. ސަރުކާރުން ލިބިފައިވާ ވަޒީފާ ގެއްލިދާނެތީ ކަންބޮޑުވަނީ ހެއްޔެވެ. މިއީ ހައްތާވެސް ހިތަށް އަރާ ފައިބާ ސުވާލުތަކެވެ. މަމީކީ ދީނީ އިލްމުވެރިއެއް ނޫނެވެ. އެކަމަކު މިސުވާލުތަކަށް އޭރު ޔޯގާއަކީ ޝިރުކުކަމަށްބުނެ އެކަން ހުއްޓުވަން ނުކުތް ޝެއިޚުންނާއި އިލްމުވެރިން ދީނީގޮތުން މިވީގޮތާ މިއައި ބަދަލު ބުނެދިނިއްޔާ ވަރަށް ރަނގަޅެވެ. އެރި އޮޅުން ފިލުވާލުމަށެވެ. ދީނީގޮތުން މިއުފެދުނު ޚިޔާލުތަފާތުވުން ނައްތާލުމަށްވެސް މިއެވެ.