ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 12:07
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ މައްސަލަ
ވަކީލުންނާ ނުލައި ކޯޓަށް ހާޒިރުކުރުމުން ލިޔުންތަކާ ފާރިސް ހަވާލެއްނުވި!
އާދިއްތަ ދުވަހަށް ކޯޓަށް ހާޒިރުކޮށް ލިޔުންތައް ހަވާލުކުރަން އުޅުނު
ފާރިސްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުއްވުމުގެ ދައުވާ
ހޯމަ ދުވަހު ވެސް ކޯޓަށް ހާޒިރުކުރުމަށް ވަނީ ނިންމާފަ

ދައުލަތުން އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ލިޔެކިޔުންތަކާ ހަވާލުވާން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އިންކާރު ކުރައްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލައިގެ ލިޔުންތައް ހަވާލުކުރަން އާދިއްތަ ދުވަހު ފާރިސް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. އެހެންނަމަވެސް، ގާނޫނީ ވަކީލުންނާ ނުލައި ކޯޓަށް ހާޒިރުކުރުމުން ފާރިސް ވަނީ ލިޔުންތަކާ ހަވާލުވުމަށް އިންކާރު ކުރައްވާފަ އެވެ.

ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް ވިދާޅުވީ އާދިއްތަ ދުވަހު ފާރިސް ކޯޓަށް ހާޒިރުކުރިކަމެއް ކޯޓުން ވެސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް(އެމްސީއެސް) އިން ވެސް އަންގާފައިނުވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ލިޔުންތައް ހަވާލުކުރުމަށް ހޯމަ ދުވަހު ވެސް ފާރިސް ކޯޓަށް ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ. 

ފާރިސްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ  މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތު ފާރިސްގެ މައްޗަށް ކުރެ އެވެ.

މި މައްސަލައާ ގުޅިގެން ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކޮށްފައިވާއިރު، މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ފާރިސްގެ މައްޗަށް ހެކި އެބަހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، އެހެން ބުނި ފަހުން ޖުލައި 18 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓް އަމުރެއްގެ  ދަށުން ފާރިސް ދިރިއުޅުއްވާ ގެއަށް ވަދެ ބަލާފާސްކޮށްފަ އެވެ. އެ އަމުރުގައިވާ ގޮތުން އެ ގެ ބަލާފާސް ކުރީ މައްސަލައާ  ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށެވެ.

ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު، ޕީޕީއެމްގެ ދިދައާއި ލޯގޯ ހުއްދަނެތި ބޭނުން ކުރެއްވި  ކަމަށް ބުނެ ޝަޙްސް އޮޅުވާލުމުގެ  ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ހުށަހެޅުއްވި ކަަމަށް ބުނެ ދައުވާކުރަން ފޮނުވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ޣައިރު ހާޒިރުގައި ބުރާސްފަތި ދުވަހުގެ ރޭ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް