ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 09:20
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ފީފާ ކްލަބް ވޯލްޑް ކަޕް 2025
ފުރަތަމަ މެޗުގައި ސިޓީ އަށް ވެސް މޮޅެއް
މެޗުގައި ސިޓީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މިއީ މުބާރާތުގައި ސިޓީ އިން ކުޅުނު ފުރަތަމަ މެޗެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕު ޖީ ގައި ވައިދާޑް ކަސަބްލަންކާއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ލިންކޮން ފިނާންޝިއަލް ފީލްޑްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ސިޓީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މިއީ މުބާރާތުގައި ސިޓީ އިން ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފިލް ފޮޑެން އެވެ. އެއީ ކަސަބްލަންކާގެ އޭރިޔާ ތެރެއިން ސަވީނިއޯ ފޮނުވާލި ބޯޅަ އެ ޓީމުގެ ގޯލު ކީޕަރު މަތަ ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ގޯލަށް ވައްދާލައިގެން ފޮޑެން ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ އަށް ވަނަ މިނެޓުގައި ސިޓީގެ އޮމަރު މާމޫޝް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ފޮޑެން ފޮނުވާލި ބޯޅަ ކަސަބްލަންކާގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ސިޓީ އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ސިޓީ އަށް ލިބުނު ކޯނަރެއްގައި ފޮޑެން ހުރަސްކޮށްދިން ބޯޅަ އެއް ފަހަރުން އަރައި ގޯލަށް ވައްދާލައިގެން ސިޓީގެ ދެ ވަނަ ލަނޑު ޖެހީ ޖެރެމީ ޑޮކޫ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އިން އިތުރު ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ ނޯވޭގެ އާލިން ހާލަންޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ކަސަބްލަންކާގެ ކުޅުންތެރިޔަކަށް ކުރި ފައުލަކަށް، ސިޓީގެ ރިކޯ ލެވިސް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ވެސް ހާލަންޑަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ކަސަބްލަންކާގެ ގޯލު ކީޕަރު ވަނީ ބޭރުކޮށްލައިފަ އެވެ.

މުބާރާތުގައި ސިޓީގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ އަލް އައިންއާ ދެކޮޅަށެވެ. އަދި ކަސަބްލަންކާގެ ދެ ވަނަ މެޗުގައި ނިކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ.

- ކޮމެންޓް