ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 08:56
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު
މިހާރު
ގާޒީ އަބްދުލް ބާރީ
ގާޒީ ބާރީގެ އާއިލާއަށް ސެކިއުރިޓީ ދިނުން ހުއްޓާލި ސަބަބެއް ފުލުހުން ނުބުނި!
އަނބިދަރިންނަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައިވާ ކަމަށް ބާރީ ވިދާޅުވޭ
ވީއައިޕީންގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތެއް ހާމައެއް ނުކުރަން
ބާރީ ގެންދަވަނީ ކުރިން ތަފާތު ވާހަކަތަކެއް ދައްކަވަމުން

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފްގެ އާއިލާއަށް ފޯރުކޮށްދެމުން އައި ސެކިއުރިޓީ ކަނޑާލުމާ ގޮތުން ބަހެއް ބުނުމަށް ފުލުހުން ދެކޮޅު ހަދައިފި އެވެ.

މިހާރު ޖުވެނައިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ބާރީ ފޭސްބުކްގައި ވިދާޅުވެފައިވަނީ އަނބިދަރިންނަށް ފުލުހުންގެ ފަރާތުން ދެމުން އައި ސެކިއުރިޓީ ކަނޑާލީ ބިރުދައްކަން ކަމަށްވާނަމަ އަދި ތި ހީކުރެވުނީ ރަނގަޅަށް ނޫން ކަމަށެވެ. "ކެރެންޏާ އަޅުގަނޑު މަރާލާ" ބާރީ ވިދާޅުވެފައިވެއެވެ.

ގާޒީ ބާރީގެ އާއިލާއަށް ދެމުން އައި ސެކިއުރިޓީ ކަނޑާލީ ކޮން ސަބަބަކާ ގުޅިގެންތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އުސޫލުތައް އޮންނަނީ ވީއައިޕީންނަށް ދެމުން އަންނަ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ހާމަކުރާ ގޮތަށް ނޫން ކަމަށެވެ. ތަކުރާރުކޮށް ރާއްޖެއެމްވީއިން ސުވާލުކުރުމުން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ދެއްވީ އެ ޖަވާބެވެ.

ގާޒީ ބާރީގެ އާއިލާއަށް ދެމުން އައި ސެކިއުރިޓީ ކަނޑާލާފައި މިވަނީ ތަފާތު ވާހަކަތަކެއް ބާރީ ދައްކަވަމުންދާ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން ސިންގާއަކާއި ބަކަރިއެއްގެ މިސާލެއް ހުކުރު ދުވަހު ވަނީ ނަންގަވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ، ސިންގާ ބޭނުންވަނީ ބަކަރި ކާލަން ކަމަށްވާނަމަ، ކާލަންނުޖެހޭ ސަބަބެއް ބަކަރީގެ ފަރާތުން ސިންގާއަކަށް ނުދެއްކޭނެ ކަމަށެވެ.

ބާރީ ވަނީ ކުރިންވެސް ފޭސްބުކްގައި ސުވާލެއް ވެސް ކުރައްވާފަ އެވެ. "މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި، މީސްތަކުންގެ މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން، އެމީޙުން އެދޭ ހުރިހާ ކަމެއް، އެމީހުން އެދޭހާ ގޮތަަށް ކޮށްދޭ މީހާއަށް ވުރެ އަނިޔާވެރި މީހަކު ހުންނާނެތޯ" ބާރީ ވަނީ ސުވާލުކުރައްވާފަ އެވެ.

މީގެ އިތުރުން ބާރީ ވިދާޅުވެފައިވަނީ "ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަން ބޭނުންނުވާނަމަ އެ ތަކެތި ހަދައި، ތަސްދީގުކޮށް، ގެޒެޓުކޮށް، ޝާއިއު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް" ކަމަށެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ގާޒީ ބާރީ ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަރުގަދަ އިންޒާރެއް ވެސް ދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ބަޔަކަށް ނުވަތަ ކާކަށް ނިސްބަތްކޮށް ލިޔުއްވި އެއްޗެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

ގާޒީ ބާރީ ވިދާޅުވީ "ހަމަ ކަށަވަރުން "އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި "އެއީ ކޮން ބައެއް ކަމާއި، އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލު އަންނަނީ...." ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭ އެވެ. ޖޭއެސްސީއިން އެ ނިންމުން ނިންމުމުގެ ކުރިން ބާރީ ވަނީ ކޯޓުގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ބާތިލްކޮށް ބޭރުކޮށްލާފަ އެވެ. ނަމަވެސް އަލުން އެ ދައުވާކޮށް، މިދިޔަ ބުރާސްފަތި ދުވަުހުގެ ރޭ ގާސިމްގެ ޣައިރު ހާޒިރުގައި ވަނީ ހުކުމްކޮށްފަ އެވެ. ހޮސްޕިޓަލުގައި ގާސިމް އެޑްމިޓް ކޮށްފައިވަނިކޮށް، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް އެމަނިކުފާނު ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް