ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށްބުނެ އެ ދެ ދާއިރާގެ ބައި އިލެކްޝަންށްވެސް ބާއްވަން އިލެކްޝަން ކޮމިޝަނުން އާދިއްތަ ދުވަހުގެރޭ ނިންމައިފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވަކިކުރުމާ ގުޅިގެން މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ހަތަރު މެމްބަރެއްގެ ގޮނޑިއާ މެދު އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އާދިއްތަ ދުވަހުގެރޭ ހުކުމްކުރުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ހަތަރު ދާއިރާއެކޭ އެއްގޮތަށް ދަނގެތި ދާއިރާ އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ބައިއިލެކްޝަން ވެސް އޮންނާނެ ކަމަށެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި ބައި އިލެކްޝަން ބާއްވަންޖެހޭ ގޮތަށް ކުރިން ކަނޑައަޅާފައި ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއްސުރެ ކަނޑައަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 13 ގައި ކުރި ހުކުމާ ގުޅިގެންނެވެ. ނަމަވެސް އެ ހުކުމާ ގުޅިގެން އެކި ފަރާތްތަކުން ތަފާތު ރައުޔު ނެރެމުން ދަނިކޮށް، ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރެއްގައި ބުނީ، ކުރީގެ ހުކުމަކީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު، ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއެކު، އޭގެ ތެރެއިން ލޯޔަރު ވައްޑެ އާއި ސައުދާއި އަމީތު އަދި ލަތީފް، އެ މައްސަލާގައި ގޮތެއް ނިންމައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވި އެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓްގެ ހުކުމް މާނަ ކުރުމުގައި އިލެކްޝަންސް ކޮމިޝަނާއި ގުޅިފައިވާ ޕާޓީތަކުގެ ހިޔާލު ތަފާތެވެ. ގުޅިފައިވާ ޕާޓީތަކުން ބުނާ ގޮތުގައި ސުޕްރީމް ކޯޓްގެ ހުކުމުގައި ބުނެފައިވާ ގޮތުން އެއްވެސް ގޮނޑިއެއް ނުގެއްލެ އެވެ.