ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހު މެންބަރުން ހުށަހެޅުއްވި މައްސަލައިގެ ޖަވާބު ބަލައި ދިއުމަށް އެމެންބަރުންގެ ޤާނޫނީ ވަކީލް ހިސާން ހުސައިންއަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުން ގުޅުއްވައިގެން އެމައްސަލައިގެ ޖަވާބު ބައްލަވައި ވަޑައިގެން މިވަގުތު ހުންނެވީ ސުޕްރީމް ކޯޓު ތެރޭގައި ކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަ މެންބަރުންގެ ތެރެއިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު އެވެ.
މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދުނެވެ.