ކުރިއަށް އޮތީ މަސްވެރިކަން ކުރިއަރުވައި، ކަނޑުތަކުން ލިބެން ހުރި ނިޢުމަތްތައް ދެނެގަތުމުގެ އީޖާދީ މަސައްކަތްތައް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތީ ސައިންސާއި، އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން އައު ފުރުޞަތުތައް ފަހިކޮށް، މަސްވެރިކަން ކުރިއަރުވައި، ކަނޑުތަކުން ލިބެން ހުރި ނިޢުމަތްތައް ދެނެގަތުމުގެ އީޖާދީ މަސައްކަތްތައް ކަމަށެވެ.
އަދި ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު ބައެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ފެން ހޫނުވެ، މަސްތައް އުޅޭ ސަރަޙައްދުތަކަށް ބަދަލު އަންނަމުންދާ ކަމަށާއި، އަދި ގޮނޑުދޮށްތައް ގިރަމުންދާކަން ފާހަގަކުރައްވާފައެވެ. މި ކަންކަމާ ގުޅިގެން ރައީސް ގޮވާލާފައިވަނީ ކަނޑުތައް ދެނެގަތުމަށާއި، ރައްކާތެރިކުރުމަށް އަލުން އަޒުމް ކަނޑައެޅުމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގިނަގުނަ މަންފާތައް ލިބެމުންދަނީ ކަނޑުގެ ސަބަބުންނެވެ. ނަމަވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ފެން ހޫނުވެ، މަސްމަހާމެހީގެ އާބާދީއަށް ބަދަލު އައިސް، އަދި ގޮނޑުދޮށްތައް ގިރަމުންދާކަން ފާހަގަކުރެއްވިއެވެ.