ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 16:23
ފިޔާޒު އަދި ފިޔާޒުގެ ދަރިފުޅު--
ފިޔާޒު އަދި ފިޔާޒުގެ ދަރިފުޅު--
ފާތިމަތު ޝަނާ މުހައްމަދު
ފިޔާޒުގެ ޝަރީއަތް
ފިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކޯޓުން ހުކުމް ކޮށްފި
ދައުލަތުގެ ފަރާތުން އެދައުވާ ސާބިތު ކުރުމަށް އެކަށީގެން ހެއްކެއް ހުށަހަޅާފައެއް ނުވޭ
ހެކިބަސްދިނީ މުޅިންވެސް ފުލުހުން. އެކި ފުލުހުންގެ ހެކިބަހުގައި މަންޒަރު ފެނުނު ގޮތް ތަފާތު
އެއް ހެއްކަކަށް ހުށަހަޅާފައި ވަނީ އަނިޔާ ލިބިގެން ދައުވާ ކުރާ މީހާ

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިޝަރ (ސީއޯއޯ) ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން ކޮށްފައިވާ އަތްލުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުން ފިޔާޒުގެ މައްޗަށް އެ ދައުވާ ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި އޭނާ ޖަހާފައިވާ ކަމަށް ބުނެއެވެ.

އެ ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ތިން ވަނަ ނަމްބަރުގެ ދަށުންނެވެ. އެއީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ކުށް ސާބިތުވި ނަމަ ފިޔާޒުގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ ހެކީންގެ ގޮތުގައި ތިން ފުލުހުންނެވެ. ދިފާއުގައި ފިޔާޒުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކި ބަސް ނަގާފައިވަނީ ފިޔާޒުއާއެކު ނޮވެމްބަރު ދެވަނަ ދުވަހު އެ ސަރަހައްދުގައި ހަރަކާތްތެރި ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ އިތުރުން، ރާއްޖެޓީވީ ލައިވް ކޮމެންޓްރީގައި ހުރި މުރުޝިދު އަބްދުލްހަކީމް އެވެ. މީގެ އިތުރުން އެ ދުވަހުގެ ރާއްޖެޓީވީގެ ލައިވް ކޮމެންޓްރީ އާއި ލައިވްގެ ވީޑީއޯ ފޫޓޭޖް ހުށަހަޅާފައިވެއެވެ.

އެ މައްސަލާގައި ފިޔާޒާ ދެކޮޅަށް ހެކިބަސްދިނީ ޝާހީން އާއި އިތުރު ދެ ފުލުހެކެވެ. ޝާހީންގެ އިތުރުން ހެކިބަސްދިން ދެ ފުލުހުން ބުނެފައި ވަނީ ޝާހީންގެ މޭމަތީގައި ޖަހައި ކޮއްޕާލާ ކަހަލަގޮތަކަށް ފިޔާޒު އަމަލުކުރި ކަމަށެވެ. ނަމަވެސް އެއާ ދެކޮޅަށް ފިޔާޒު އަށް ހެކި ހުށަހެޅިއެވެ.

ހުކުމް އިއްވަމުން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ މި މައްސަލައިގައި ދައުލަތުންނާއި ދިފާއުން ހުށަހަޅާފައިވާ ހެކިންނަކީ ހާދިސާ އެންމެ ގާތުން ފެނުނު ފަރާތްތައްކަން އެންމެހާ ފަރާތްތަކެއް ހެކިބަހުން އެނގޭ ކަމަށެވެ. 

ގާޒީ އާދަމް ވިދާޅުވީ އެއް ހާދިސާއެއް ލޮލަށް ފެނުނު ބަޔަކު ހާދިސާ ކިޔައިދިނުމުގައި އެއް ފަރާތަށް ފެނިފައިނުވާ މަންޒަރެއް އަނެއް ފަރާތަށް ފެނުނީ ކަމަށް ބެލެވިދާނެ އިހުތިމާލެއް މި މައްސަލައިގައި ލިބިފައިވާ އެއްވެސް ހެކިބަހެއްގައި އުފެދިފައިނުވާ ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކީންގެ ބަހަށް އެއްވެސް ގޮތަކުން ބުރަދަނެއް ނުދެވޭނެ ގާނޫނީ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން ދައުވާ ސާބިތުކޮށްދޭންޖެހެނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމަށްވާއިރު، ދިފާއުން ދައުވާ ސާބިތުކޮށްދޭންޖެހެނީ އެއަށްވުރެ ދަށް މިންގަނޑަކުން ކަން ފާހަގަކޮށް ގާޒީ އާދަމް އާރިފް ވިދާޅުވީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ދައުވާ  ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ހާދިސާ ހިނގި ވަގުތު ރާއްޖެ ޓީވީން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަދައްކަމުން އެ ސަރަހައްދުން ނޫސްވެރިއަކަށް ހަމަލާދިން ކަމަށް ލައިވް ކޮމެންޓްރީގައި މުރުޝިދު ބުނިކަމާއި، ޕޮލިސް ކޯޕްރަލް ޝާހީން، ފިޔާޒުގެ ކަރުގައި ހިފި ކަމަށް ހެކިބަސްދިން ނޫސްވެރިން ކަމަށްވާ ލީވާނާއި ވިސާމް ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ ފިޔާޒު އެ ސަރަަހައްދުގައި ހަރަކާތްތެރިވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ކަމަށްވާއިރު، ގާނޫނު އަސާސީޣެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމާއި، 29 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ދައުލަތުގެ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދިނުން ލާޒިމްވާ ހައްގުތަކެއް ކަމަށެވެ.

ފިޔާޒުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރުމާ ގުޅިގެން ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދައުވާއަކީ ރާއްޖެޓީވީން ތަކުރާރުކޮށް ބުނަމުން އައި ފަދައިން ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕްރޮސެކިއުޓަރ ޖެނެރަލްއާއި ފުލުހުންގެ ބަޔަކު ގުޅިގެން ކުރިއަށް ގެންދިޔަ ދައުވާއެއް ކަމަށެވެ. ދައުވާ އުފުލި ފަހުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ދައުވާ ސާބިތުކުތުމަށް ޕީޖީއާއި ފުލުހުން ކުރި ކޮންމެ މަސައްކަތަކުން އިތުރަށް ދޭހަވެގެން ދިޔައީ މިއީ އަސްލެއް ނެތް މައްސަލައެއްކަން ކަމަށް ބުނެފައިވެއެވެ.

ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ދައުވާތައް ކުރެއްވުމުން ވެއްޓެނީ ފުލުހުންނާއި ޕީޖީގެ އަގު ކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ދަށަށް ދަނީ މުއައްސަސާތަކުގެ އިތުބާރު ކަމަށެވެ. އަދި މި މައްސަލައިގައި ސްޓޭޝަނުން ދައްކަމުން އައި ވާހަކަތައް ހަގީގަތަކަށްވެގެން ދިޔަ ކަމަށްޓަކައި އުފާކޮށް ހަމްދުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ދައުވާގެ ސަބަބުން ސްޓޭޝަނަށާއި، މުވައްޒަފުންނާއި، ފިޔާޒަށް ބޮޑެތި ގެއްލުންތައް ލިބުނުކަން ފާހަގަކޮށް ރާއްޖެޓީވީން ބުނީ ނިމިގެން މިދިޔަ މައްސަލައަކީ ބޭއިންސާފުން ލިބޭ އަނިޔާގެ ފުރިހަމަ މިސާލެއް ކަމަށެވެ.

ރާއްޖެޓީވީން ވަނީ ފާއިތުވެ ދިޔަ މުއްދަތުގައި ސްޓޭޝަނަށާއި ފިޔާޒަށް ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކށް ޝުކުރު އަދާކޮށްފަ އެވެ. އަދި މިފަދަ ދައުވާތަކުގެ ސަބަބުން ރާއްޖެޓީވީގެ މުވައްޒަފުން މިނިވަން ނޫސްވެރިކަމަށް ކުރާ މަސައްކަތުގައި ބިރުގަނެ ފަހަތަށް ނުޖެހޭނެ ކަމަށާއި މިނިވަން ނޫސްވެރިކަމުގެ މަސައްކަތަކީ ޑިމޮކްރަސީގެ މުހިންމު ތަނބު ކަމަށާއި އެ ތަނބު ފުނޑުކޮށްލުމަށް މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބު ނުލިބޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް