ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 16:28
ގާސިމްގެ މައްޗަށް ޝަރީއަތް ހިންގަމުންދަނިކޮށް، ހާލު ދެރަވެގެން މީގެ ކުރިން އޭޑީކޭގައި އެޑްމިޓް ކުރައްވައިގެންވެސް ވަނީ ފަރުވާ ދީފައި--
ގާސިމްގެ މައްޗަށް ޝަރީއަތް ހިންގަމުންދަނިކޮށް، ހާލު ދެރަވެގެން މީގެ ކުރިން އޭޑީކޭގައި އެޑްމިޓް ކުރައްވައިގެންވެސް ވަނީ ފަރުވާ ދީފައި--
މުހައްމަދު ފަޒީން
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން: އިބޫ
ހުކުމް ގާނޫނާ ހިލާފް
ހުކުމެއް ކުރުމުން އެއަށް އަމަލު ކުރަންޖެހޭ
ހުކުމް ބާތިލް ކުރުމަށް އިސްތިއުނާފުގެ މަރުހަލާތައް ކުރިއަށް ގެންދާނަން

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ  މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައިޖަގަހަ މ. ކުނޫޒުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އިބޫ ވިދާޅުވީ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި އެކަން ރާއްޖޭގެ ގިނަ ގާނޫނީ ވަކީލުންގެ އިތުރުން ގިނަ ދިވެހި ރައްޔިތުންވެސް ގަބޫލު ކުރައްވާ ކަމަށެެވެ.

"ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ވަރަށްސާފުކޮށް ސަރީހަ އިބާރާތުން އެއޮތީ ރާއްޖޭން ބޭރުން ގާސިމަށް ސިއްހީ ފަރުވާ ލިބޭނެގޮތް ހަމަޖެއްސުމަށް އަމުރެއް ކޮށްފަ. އެހުކުމުގެ އެއްބަޔަށް އަމަލު ކޮށްފަ އަނެއްބަޔަށް އަމަލު ނުކުރުމަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުހިފެއްޓޭނެ. އެކޮށްފައި އޮތް އަމުރު ތަންފީޒު  ކުރަންޖެހެނެ. މިހާރުވެސް މާބޮޑަށް ލަސްވެއްޖެ،" އިބޫ ވިދާޅުވި އެވެ.

ގާސިމަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ލިބޭނެގޮތް ހެއްދެވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ކޯޓުން އަމުރެއްކޮށްފައިވާއިރު، އެކަން ލަސްވަމުންދާތީ އިބޫގެ އިތުރުން ގުޅިފައިވާ ސިޔާސީ ހުރިހާ ޕާޓީތަކަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެެވެ.

"އެ ހުކުމަށް އަމަލު ކުރުމަކީ ކޮންމެ ބަޔަކަށްވެސް ލާޒިމްކަމެއް. ނަމަވެސް އަޅުގަނޑުމެންވެސް އަދި ގިނަ ގާނޫނީ ވަކީލުންވެސް ގަބޫލެއް ނުކުރައްވާ ގާސިމްގެ މައްޗަށް ހިންގާފައިވާ ޝަރީއަތް ކުރިއަށް ގެންދިޔައީ އަދި ހުކުމް ކުރައްވާފައިވަނީ ވެސް ގާނޫނާ އެއްގޮތައް ކަމަކަށް. އެހެންކަމުން އެހުކުމް އެގޮތަށް ކުރުމުން އަޅުގަނޑުމެން ދެންމިތިބީ ކުރަންޖެހޭ ކަންކަން ކުރުމުގައި. ހައިކޯޓަށް އެމައްސަލަ އިސްތިއުނާފް ވެސް ކުރާނަން. ހައިކޯޓުން ކާމިޔާބު ނުވެއްޖެނަމަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާނަން. ހަމައެގޮތަށް ސަރުކާރުންވެސް އެ ހުކުމުގައިވާ ގޮތަށް ގާސިމް ބޭސްފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ފުރުމުގެ ފުރުސަތު އަވަހަށް ފޯރުކޮށްދެންޖެހޭ،" އިބޫ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ. އެ ހުކުމް ގާސިމްގެ މައްޗަށް އިއްވާފައި ވަނީ ދައުލަތުގެ ފަރާތުން ގާސިމްގެ މައްޗަށް ހުށަހެޅި ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ އާއި ގުޅިގެންނެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތު ކުރިއިރު، އެމައްސަލަ ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހުގެ މެމްބަރުންގެ ވޯޓު ހޯދުމަށްޓަކައި ލައިވް ކުރަމުންދިޔަ ޖަލްސާއެއްގައި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަޖިލީހުގެ ވީހާވެސް ގިނަ މެމްބަރުން އެބޭފުޅުންނާއި ގުޅިވަޑައިގަތުމަށް ގާސިމް އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް