ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން، ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) ކުލަބު ލައިސަންސް ހޯދައިފި އެވެ.
މިއަހަރު ރާއްޖެ އިން އޭއެފްސީ ކުލަބު ލައިސަންސް ހާސިލު ކުރި ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. މިދިޔަ އަހަރު ވެސް ރާއްޖެ އިން އޭއެފްސީގެ ކުލަބު ލައިސަންސް ހާސިލު ކުރީ މާޒިޔާ އެކަންޏެވެ. އެހެންކަމުން މިއީ، މާޒިޔާ އެކަނި ކުލަބު ލައިސަންސް ޙާސިލު ކުރި ދެ ވަނަ ފަހަރެވެ.
އޭއެފްސީ އިން ކުލަބު ލައިންސް ދޫކުރަނީ އެ އިދާރާ އިން ބަލާ މިންގަނޑުތަކަށް ފެތޭ ކުލަބުތަކަށް އެކަންޏެވެ. މީގެ ކުރިން ރާއްޖޭގައި ގިނަ ކުލަބު ތަކަކުން ވަނީ އޭއެފްސީ ކުލަބު ލައިސަންސް ހޯދައިފަ އެވެ.
އޭއެފްސީ އިން ކުލަބު ލައިސަންސް ދޫކުރުމުގައި ގިނަ ކަންތައްތަކަށް ބަލަ އެވެ. މާޒިޔާ އަކީ ރާއްޖެ އިން އެ މިންގަނޑުތަކަށް ފެތުނު ހަމައެކަނި ޓީމެވެ.
ރާއްޖޭގެ ފުޓުބޯޅަ ސީޒަން ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ތައްޔާރުވަމުން އަންނަނީ އޮަގަސްޓު މަހުގެ ތެރޭގައި ފުޓުބޯޅަ ސީޒަން ފެށުމަ އެވެ.
ފުޓުބޯޅަ ސީޒަން ފެށުން ލަސް ކުރަން ޖެހުމުގެ ސަބަބުން، އެފްއޭއެމް އިން ވަނީ އޭގެ ބަދަލުގައި، އެފްއޭއެމް ލީގު ކަޕްގެ ނަމުގައި މުބާރާތެއް ބާއްވައިފަ އެވެ. ފަސް ޓީމުގެ ދެ މެދުގައި ކުރިއަށް ގެންދިޔަ އެ މުބާރާތް ކާމިޔާބު ކުރީ މާޒިޔާ އިންނެވެ. އެ މުބާރާތުގައި މާޒިޔާ އިން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
މިދިޔަ އަހަރު މާޒިޔާ އިން ވަނީ އޭއެފްސީ ޗެލެންޖު ލީގުގައި ވެސް ވާދަކޮށްފަ އެވެ.