ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 14:18
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މިހާރު މަޖިލީހުގައި ކުރިއަށް ދަނީ ޖަލްސާތަކެއްނޫން، ނިންމިކަމަށް ބުނާ ހުރިހާކަމެއް ބާތިލް ކުރާނަން: އިބޫ
މަސީހަކީ މަޖިލީހުގެ ރައީސެއް ނޫން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނޭ
ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާއެއް ދެންވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި
ދެން މަޖިލީހުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެމައްސަލައަށް ވޯޓަށް އެހުމެއް ނެތި، މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ޖަލްސާތަކެއް ނޫން ކަމަށާއި އަދި ނިންމާފައިވާ ކަމަށް ބުނާ ނިންމުންތައް ވެސް ބާތިލު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ ޖަގަހައިގަ މ. ކުނޫޒުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ މަޖިލީހުގެ ސާފު އަޣްލައްބިއްޔަތާއެކު 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅުމުން، އެކަމަށް ވޯޓަށް އެހުމެއްނެތި މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދިޔަ ނަމަވެސް، މަސީހަކީ މަޖިލީހުގެ ރައީސް ނޫން ކަމަށެވެ. އަދި މަސީހުގެ ރިޔާސަތުގައި ނިންމި އެއްވެސް ނިންމުމެއް ސައްހަ ނުވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"މަޖިލީހުގެ ޖަލްސާއެއް ކުރިއަކަށް ނުދޭ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދާ ޖަލްސާއެއް ނޫން އެއީއަކީ. މަޖިލިސް ގާނޫނާއި ގަވާއިދާއި އަދި ޑިމޮކްރެސީގެ އުސޫލުން މަޖިލީހުގެ މަސައްކަތްތައް ހިންގުމަށް އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތައް ކާމިޔާބުވުމާއެކީގައި މިހާރު މަޖިލީހުގެ ތެރެއިން ކޮށްފައިވާ ހުރިހާ ކަމެއް ބާތިލް ކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މިވަގުތު މަޖިލީސް ޗުއްޓީގައި އޮތް ނަމަވެސް، އަލުން މަޖިލީސް ހުޅުވުމަށް ފަހު ވެސް މަޖިލީހުގެ ރައީސްގެ ގޮތުގައި މަސީހަށް ރިޔާސަތުގައި އިންނެވުމުގެ ފުރުސަތެއް ނެތް ކަމަށެެވެ. އެހެންނަމަވެސް ގަދަބާރުން އަދި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ޖަލްސާ ދެން ވެސް ކުރިއަށް ގެންދާނަމަ މަޖިލީހުގައި އިހުތިޖާޖު ކުރަމުންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މީގެއިތުރުން އިބޫ ވިދާޅުވީ ދެން މަޖިލިސް ހުޅުވޭއިރު، ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ  މައްސަލައަށް ގޮތެއް ނިންމާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށާއި އެހެންކަމުން  މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެެވެ. އެގޮތުން އެމައްސަލަ މަޖިލީހުގެ ޖަލްސާއަށް ތާވަލްކޮށް، މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް މަސީހު މަޖިލީހުގެ ރައީސްކަމުން ވަކިކުރެވިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް