ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 11:38
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ސިފައިންގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ސިފައިންގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ސުޕްރީމް ކޯޓުގެ ހުކުމް
ހުކުމް އަވަސް ކޮށްދޭން ފަނޑިޔާރުންގެ ކިބައިން އެދުމަށް ދިފާއީ ބާރުތަކަށް ރައީސް ނަޝީދު ގޮވާލައްވައިފި
ގާނޫނު އަސާސީ ނެގެހެއްޓުމުގެ ޒިންމާ ސިފައިންނާއި ފުލުހުން އަދާކުރަންޖެހޭ
މަޖިލިސް އިންތިހާއަށް ފާލުން ނެއްޓިފަ، ގާނޫނު ބުނާގޮތަށް ޖަލްސާ ނުބޭއްވޭ
ރާއްޖެއަށް ދިމާވެފައިމިވާ ދަތި އުނދަގުލުން ރާއްޖެ ސަލާމަތްކޮށް ދެއްވުމަށް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ ހުކުމް އަވަސް ކޮށްދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދުމަށް ދިފާއީބާރުތަކަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އާދިއްތަ ދުވަހު ރައީސް ނަޝީދު ދެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނޫ އަސާސީ ދަމަހައްޓައި ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާން ޖެހިވަޑައިގަންނަވާ އެއް ބަޔަކީ ސިފައިންނާއި ފުލުހުން ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ  ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކި، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވުމުން މަޖިލީހުގެ އިދާރާއިން އިލެކްޝަންސް ކޮމިޝަނުން ބުނި ބަސް ގަބޫލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީގައި މެންބަރެއްގެ ގޮނޑި ގެއްލެނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ދަށުން ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މެންބަރުން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާއަށް ފާލުން ނެއްޓިފައިވާ ކަމަށާއި ގާނޫނު ބުނާގޮތަށް މަޖިލިސް ޖަލްސާއެއް ނުބޭއްވޭ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރަކު ސޮއިކޮށް ގާނޫނާ އެއްގޮތަށް ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ހައްޔަރުކުރެވިފައިވާތާ 39 ދުވަސްވެފައިވާ ކަމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް "ގާނޫނީ ހުރިހާ ހަމައަކާ" ޚިލާފަށް ހުކުމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިކަންކަމުގެ ސަބަބުން މައްސަަ މިދަނީ ގޯހުން ގޯހަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި، ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިތުރުން ގާސިމަށް ކޮށްފައިވާ ހުކުމުގެ އަސާސް ގުޅިފައިވަނީ ސުޕްރީމް ކޯޓުން ނިންމާން އޮތް ނިންމުމާ ކަމަށެވެ. 

ފެބްރުއަރީ 7، 2012 ވަނަ ދުވަހު ރައީސް ނަޝީދާ ދެކޮޅަށް ނުކުތް ފުލުހުންނާ މުހާތަބުކޮށް  އެ މަނިކުފާނު ޖުމްހޫރީ މައިދާނުގައި ހުންނަވައި ވާހަކަ ދައްކަވަނީ 

މިކަންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ރާއްޖެއަށް ދިމާވެފައިމިވާ ދަތި އުނދަގުލުން ރާއްޖެ ސަލާމަތްކޮށް ދިނުމަށް ދިފާއީ ބާރުތަކުގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ. ދިފާއީ ބާރުތަކުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވާފައިވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން އެ ހުކުމް އަވަސްކޮށް ދެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތުމަށެވެ.

"ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ދަންނަވަން. ރާއްޖޭގެ ގާނޫނޫ އަސާސީ ދަމަހައްޓައި ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާން ޖެހިވަޑައިގަންނަވާ އެއް ބަޔަކީ ތިޔަ ބޭފުޅުން. އެނގިވަޑައިގަންނަވާނެ ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ދެކި، އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފަ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އިލެކްޝަންސް ކޮމިޝަނުން ބުނި ބަސް ގަބޫލުކޮށްފަ. އެހެންނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީގައި މެންބަރެއްގެ ގޮނޑި ގެއްލެނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ދަށުން ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފަ. އެހެންކަމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މެންބަރުން ވަނީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފަ. ތިޔަ ބޭފުޅުންނަށް ވެސް ވަރަށް ގާތުން ފެނިވަޑައިގަންނަވާނެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މިވަނީ އިންތިހާއަށް ފާލުން ނެއްޓިފަ. ގާނޫނު ބުނާގޮތަށް މަޖިލިސް ޖަލްސާއެއް ނުބޭއްވޭ، ގާނޫނާ އެއްގޮތަށް މަޖިލީސް ޖަލްސާއެއް ބޭއްވުމަށް 45 މެންބަރަކު ވަނީ މަސައްކަތް ކޮށްފަ. އެ މެންބަރުންގެ ތެރެއިން 13 މެންބަރަކަށް ވަނީ ޖިނާއީ ދައުވާ އުފުލާފަ. މީގެ އިތުރުން ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ޖަލުގައި ހައްޔަރުވެފައި އިންނަވާތާ 39 ދުވަސް ވެއްޖެ. މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ ގާނޫނީ ހުރިހާ ހަމައަކާ ޚިލާފަށް ހުކުމްކޮށް ޖަލަށްލާފަ. މިކަންކަމުގެ ސަބަބުން މައްސަލަ މިދަނީ ގޯހުން ގޯހަށް. 13 މެންބަރުންގެ މައްޗަށް އުފުލިފައިވާ ދައުވާގެ އަސާސް ވެސް ގުޅިފައިވާ ސުޕްރީމް ކޯޓުން ނިންމާން އޮތް ނިންމުމަށް. ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރާއި އަދި މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރަށް އިއްވިފައިވާ ހުކުމް ވެސް ގުޅިފައިވަނީ ސުޕްރީމް ކޯޓުން ނިންމާން އޮތް ނިންމުމާ. އަޅުގަނޑު މިއަދު ރާއްޖޭގެ ދިފާއީ ބާރުތަކުގެ ކިބައިން އެދެނީ ރާއްޖެއަށް ދިމާވެފައިމިވާ ދަތި އުނދަގުލުން ރާއްޖެ ސަލާމަތްކޮށް ދެއްވުމަށް. ތިޔަ ބޭފުޅުންގެ ކިބައިން މި އެދެނީ ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށް ދެއްވުމަށް ބާރުއަޅުއްވައި ދެއްވުމަށް. ތިޔަބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެން އެ ހުކުމް އަވަސްކޮށް ދެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތުމަށް." 

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ.

ކޮންމެ މެންބަރެއްގެ މައްސަލައިގައި ދެ އަޑުއެހުމެއް ބޭއްވިއިރު، އަޑުއެހުންތައް ނިންމާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އިއުލާނުކުރައްވާފަ އެވެ. އޭގެ ފަހުން މިމަހުގެ 15 ވަނަ ދުވަހު މެންބަރުން ހާޒިރުކޮށް މައްސަލައިގެ ބަޔާންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.

މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ހުކުމް އިއްވާފައިނުވާތީ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ކޯޓުގެ ރަޖިސްޓްރާއާ ވެސް ބައްދަުކުރެވޭ ގޮތެއް ނުވި އެވެ. ހުކުމް ލަސްވަމުންދާތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕާޓީތަކުން ބުނާ ގޮތުގައި ހުކުމް ލަސްވަނީ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާތީ އެވެ.

ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުުންދަނިކޮށް، ހުކުރު ދުވަހުގެ ދަންވަރު ބަންޑާރަނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނިކޮށް ވަނީ ފެނިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 އޯގަސްޓް 2017 | އާދީއްތަ 10:07
ފުލުސްމީހަ
ތިޔަނަސީދުއަކީހަމަމީހެއްތަ ދެއްކޭނުދެއްކޭވާހަކައެއްވެސްނޭގެ ތިޔަމީހަ އެންމެބާރައްގޮވަނީ އެއްބާރު އަނެއްބާރަން ނުފޫޖުނުފޯރުވާށެ
27 އޯގަސްޓް 2017 | އާދީއްތަ 10:00
yameen2018
ގާސިމްގެ ވަކީލުނަށް މި ހަދަނީ އެމް.ޑީ.ޕީ މީހުން. އެމީހުން ބޭރުފުށުން ގާސިމަށް ހެޔޮއެދޭކަމަށް ދެއްކިޔަސް އެމީހުން އަންނިގެ ވެރިކަން ވެއްޓުނު ދުވަހުން ފެށިގެންތިބެނީ ގާސިމްއަށް ލަނޑެއްދެވޭނެ ގޮތެއް ބަލަބަލަ. މިޔަދު ގާސިމް އެފުރުސަތު ދިނީމަ އެއޮތީ ލަނޑުދީފަ.