ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި އޮތް ޖަލްސާ އަކަށް، މަތީ ތައުލީމާ ބެހޭ ވަޒީރު ޑޮކްޓަރު އަލީ ހައިދަރު ހާޒިރު ކުރި އެވެ. ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ލޯނު ފައިސާ ލިބުން ލަސްވުމާއި، ދަރިވަރުންނަށް މިނިސްޓްރީއާ ވާހަަކަ ނުދެއްކޭ ކަމަށާއި، މިނިސްޓްރީ އިން ޖަވާބު ލިބުމުގައި އެތައް ދަތިތަކެއް ހުރި ކަމުގެ ޝަކުވާއާ އެކު އެވެ.
އެ ދުވަހު ވަޒީރު މަޖިލީހުގައި ވިދާޅުވީ ދަރިވަރުން ހިމެނޭހެން ވަޓްސްއެޕް ގުރޫޕެއް ހައްދަވާ ވާހަކަ އެވެ. އޭރުން ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙަައްްލެއް ލިބިގެން ދާނެ ކަމަށާއި، ދަރިވަރުންނަށް ޖަވާބުދާރީ ވުމުގައި އިތުރު ފަސޭހަތަކެއް ވާނެ ކަަމަށް ވިދާޅުވި އެވެ.
އަޅުގަނޑު ހިތަށް އެރި އެވެ. ދަރިވަރުންގެ ކަންބޮޑުވުމަކީ މިނިސްޓްރީ އިން ޖަވާބު ނުލިބުމެވެ. ފޯނު ނުނެގުމެވެ. ދަރިވަރުން ފޮނުވާ އީ މެއިލް ތަކަަށް، މަސް ދުވަހުން ވެސް ޖަވާބު ނުދެވުމުގެ ކަންބޮޑުވުމެވެ. އެކަން ކުރަން ޖެހެނީ ވަޓްސްއެޕް ގުރޫޕެއް ހަދައިގެން ކަމަށް ވަނީ ނަމަ، އެކަން ކޮށްލަން ވެސް ވަޒީރަކު ހުންނަވަން ޖެހޭ ހެއްޔެވެ؟
ތަން ކޮޅެއް ކުރިން ވެސް މިޒާތުގެ ވާހަކަތަކެއް ސަރުކާރުގެ އެހެން ވެރިން ވެސް ދައްކަވާފައި އެބަ ހުއްޓެވެ. ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރޭގަނޑު ނިދާ ވަގުތުގައި ފޯނުގެ ޑޭޓާ ވެސް ކަނޑާނުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވައި، އަންގަވާފައި އޮންނަ ކަމަށެވެ.
ކޮންމެ ވަގުތަކު ވެސް، ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތަަކަށް ކަމެއް ދިމާވެދާނެ ކަމުގެ ކަންބޮޑުވުން އެމަނިކުފާނުގެ އޮތަތީ އެވެ. އެހާ ވެސް ބޮޑަށް ވަޒީރުންނަށް ބާރު އަޅުއްވަނީ ފޯނު ވެސް ދޫކޮށް ނުލުމަށެވެ. ވަޓްސްއެޕާއި، ޓެލެގްރާމް އަދި ވައިބާ އަބަދުމެ ބަލާލަ ބަލާލައި ތިއްބެވުމަށެވެ.
ނުވިތާކަށް، މިހާރު ރައީސް މުޢިއްޒުގެ ވަޓްސްއެޕް ޗެނަލެއް ވެސް ހައްދަވައިފި އެވެ. ސަރުކާރުން ކުރަމުން އަންނަ ކަންތައްތަކާއި، ރައީސް ކުރައްވާ ޕޯސްޓުތައް އަދި ވަޒީރުން ކުރައްވާ ޕޯސްޓުތައް ވެސް އަންނަނީ އެ ގުރޫޕުގައި ހިއްސާ ކުރަމުންނެވެ. އެހާ ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ނިޔަތް އޮތަތީ އެވެ.
އަޅުގަނޑު ހިތަށް އެރި އެވެ. ކޮންމެހެން މިހާވަރުން ވަޒީރުންގެ މަޖިލީހެއް އައްޔަން ކުރައްވައި، ކޮންމެ ބޭފުޅަކަށް އަޅުގަނޑުމެން ރައްޔިތުންގެ ޓެކްސް ފައިސާ އިން 70،000 އިން މުސާރަ ދެއްވަން ޖެހޭ ހެއްޔެވެ؟ މިއިން ބޭފުޅަކަށް ކަމެއް ކުރެވޭ ކަމަށް ނުވެ އެވެ. އަދި އަމުދުން ހަވާލުކޮށްފައިވާ މަސައްކަތް ކުރެއްވޭ ކަމަކަށް ނުވެ އެވެ.
ކަން މިހެން އޮތްއިރު، ކޮންމެ ފަސް އަހަރުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކޮށްފައި، ވަޒީރުންގެ މަޖިލިސް އެކުލަވާލުން އުވާލަންވީ އެވެ. ރައީސުލްޖުމްހޫރިއްޔާ، މަގާމުގެ ހުވާ ކުރުމުގެ ވަޓްސްއެޕް ގުރޫޕުތަކެއް ހެއްދެވީމަ ވީ ނޫން ހެއްޔެވެ؟
ދަނޑުވެރިންނާއި، މަސްވެރިންނާއި، ކިޔަވާ ކުދިންްނާއި، އެކަނިވެރި މައިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ރަށް ރަށުގެ ކައުންސިލަރުން ހިމަނައިގެން ވަޓްސްއެޕް ގުރޫޕެއް ހެއްދެވީމާ، އެ އެންމެންގެ ކަންބޮޑުވުން ހައްލުވާ ނަމަ، މި ޤައުމަށް ބޭނުން ވަނީ ރައީސަކާއި، ވަޓްސްއެޕް ގުރޫޕެެއް ނޫން ހެއްޔެވެ؟