ރިޝްވަތު ދޭން އުޅުނު ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޖަލަށް ހުކުމް ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލު ކުރަމުން ނުދާކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދުސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ޤާސިމް އިބްރާހީމަށް ރަނގަޅު ފަރުވާއެއް ރާއްޖޭން ދެވެން ނެތުމާއި ކޯޓުން ކޮށްފައި އޮތް އަމުރަށް ކަރެކްޝަންސް އިން ތަބާ ނުވެ ދިގުދެމިގެން ދާތީ އެއީ ހިތުގެ ބައްޔަކަށް ވެފައި އެކަމުގެ ފިކުރު ބޮޑުވެ ސިއްޙީ ޙާލުކޮޅު ގޯސްވަމުންދާ ކަމަށެވެ.
ރާއްޖެ ޓީވީގެ ސުންގަޑި ސުންމިނެޓް ޕްރޮގްރާމުގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ފަރުވާ ދެވުން ލަސްވާތީވެ ގާސިމްގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ވަގުތެއް ނޭނގޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުމެއް ކުރިމަތިވެދާނެތީ އާއިލާ އާއި އެ މަނިކުފާނުގެ ސަޕޯޓަރުން ކަންބޮޑުވެ، ބިރުވެރިކަމެއްގެ ތެރޭގައި ތިބެންޖެހިފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
ބޭސްފަރުވާ އަށް ގާސިމް ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ކަމަށް ހުކުމުގައި ވެސް ބުނެފައިވާއިރު، ސަމީރު ވިދާޅުވީ އަދިވެސް ސަރުކާރުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައި، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުން މަނާކޮށްފައިވާ ކަމަށެވެ. ގާސިމަށް ފަރުވާ ދިނުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ރާއްޖޭން ބޭރުން ހެދުމަށް ޑޮކްޓަރު ލިޔުން ދީފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. ގާސިމްގެ ހިތުގެ ޓެސްޓްތައް ރާއްޖޭން ހެދެން ނެތް ކަމަށާއި އެ ޓެސްޓްތައް ހެދުން ލަސްވެއްޖެ ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް، މެޑިކާ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލް އަދި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަނީ ލިޔުން ދެއްވައިފަ އެވެ.
ސިޔާސީ ގޮތުން މީހެއްގެ ފުރާނަ ހިއްޕަވަން އުޅެން ޖެހޭނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވިޔަސް ދައުލަތުގެ އެއްވެސް މުއްއަސަސާއަކުން ވިޔަސް އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރުން ނޫން ވިސްނުމެއް އޮވެގެންވާނެ ކަމަށް ނުދެކޭކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމްގެ ފުރާނަފުޅު ސަލާމަތް ކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް ދައުލަތުގެ އެއްވެސް ފަރާތަކުން އެއްބާރުލުމެއް ނުދޭ ކަމަށާއި އަދި ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތައްވެސް ކަންކުރަމުން ނުދާ ކަމަށެވެ.
"އޮނަރަބްލް ޤާސިމް އިބްރާހީމް ސަލާމަތް ކުރުމަށް ކުރާ އެއްވެސް ކަމަކަށް ދައުލަތުގެ އެއްވެސް ފަރާތަކުން އެއްބާރުލުމެއް ނުދޭ. އަދި ކޯޓުން ކޮށްފައިވާ ހުކުމްގެ ކުރީގެ ބައި ތަންފީޒް ކޮށްފައި ފަހުގެ ބައި ތަންފީޒެއް ނުކުރޭ. " ސަމީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށް ލުމަށް ހުކުމްކުރީ އެ މަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ.