ޗައިނާ އާ އިންޑިއާގެ ބޯޑަރު ގައި އޮންނަ ޑޮކްލާމް ސަރަހައްދުގެ މައްސަލައިގައި އެ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުމުގައި ދިވެހިންނާއި ދިވެހި ރާއްޖެއިން ތާއީދު ކުރަނީ އިންޑިއާ އަށް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ނޫހެއް ކަމަށްވާ އިކޮނޮމިކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއް ގައެވެ.
ނަޝީދު ވިދާޅުވީ، އިންޑިއާއަކީ ދިވެހިންގެ ގާތް އަވައްޓެރިއެއް ކަމަށާއި، ކަމެއް ބޮޑުވާ ހިނދު ދިވެހިންނަށް އެހީވެދެނީ އިންޑިއާއިން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއަށް ޖެހޭ ބޮޑެތި ކަންކަމުގައި އެހީތެރިވެދޭ ގައުމެއް ކަމަށެވެ. މިގޮތުން ގުދުރަތީ ކާރިސާ ތަކާއި ފެނައް ޖެހުން ފަދަ ކަންކަމުގައި އިންޑިއާއިން އެހީތެރިވެ ދީފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދުވަނީ ޗައިނާ އިން ރާއްޖޭގައި ހިންގާ މަޝްރޫއު ތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
"ކުއްލިއަކަށް އެތައް ބައިވަރު ފައިސާއެއް ޗައިނާ އިން ރާއްޖެއަށް އޮއްސާލުމަށްފަހު ތާއީދު ކުރަން ބުނުމަކީ ރަނގަޅު ކަމެއް ނޫން"
ޗައިނާއިން ރާއްޖެއަށް ދެމެދުންދާ އެހީތަކަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ، ޗައިނާއިން ދެކުނު އޭޝިއާ ސަރަހައްދުގައި ބާރު ގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައިކަން އިކޮނޮމިކް ޓައިމްސް އިން ފާހަގަ ކޮށްފައިވެއެވެ. މިގޮތުން، ޗައިނާގެ އަސްކަރީ މަނަވަރުތައް ކައިރި ކުރިމަގުގައި ރާއްޖެއަށް ދަތުރުތައް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް އެ ނޫހުގައި ފާހަގަ ކޮށްފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާ އިން ހިންގާ މަޝްރޫއުތަކުގައި ބޮޑެތި ކަރަޕްޝަން އެކުލެވޭ ކަމަށެވެ. އޭގެ އިތުރުން ދަރަންޏަށް އިންޑިއާއިން ދޭ އެހީ ޗައިނާ އިން ދޭ އެހީއަށް ވުރެ މާ ރަނގަޅު ކަމަށާއި، އެގޮތުން އިންޑިއާއިން ދޭ އެހީގައި ހިންގާ މަޝްރޫއު ތައް ވަކި ކުންފުންޏަކަށް ހަވާލު ކުރެވެނީ ޓެންޑަރ އުސޫލުން ބަޔަކު ހޮވައިގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.