ރައީސް ޔާމީންގެ ވެރިކަން ކޮންމެ ވަގުތެއްގައިވެސް ވެއްޓިދާނެ ކަމަށް މިހާރު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ ނޫހެއް ކަމަށްވާ އިކޮނޮމިކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއް ގައެވެ.
"ރައީސް ޔާމީންގެ ސަރުކާރު ކޮންމެ ވަގުތެއްގައިވެސް ވެއްޓިދާނެ، ރާއްޖޭގެ އެތައް މުއައްސަސާއެއްގެ ކުރިމަތީގައި އެމަނިކުފާނުގެ އިތުބާރުވަނީ ގެއްލިފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މިކަން މިހެން އޮތް ނަމަވެސް ވެރިކަން ހޯދުމަށް އިދިކޮޅު ޕާޓީތަކުން ވެރިކަން ވައްޓާލުމަށް ބަޣާވާތެއް ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމަށް އިތުބާރު ކުރައްވާ ކަމަށާއި، މަސައްކަތް ކުރައްވާނީ ޑިމޮކްރަޓިކް ނިޒާމް ވަރުގަދަ ކުރައްވަން ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.