ކ. މާލެ
|
22 މެއި 2025 | ބުރާސްފަތި 10:41
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އޭއެފްޕީ
ޣައްޒާ-ހަނގުރާމަ
ޣައްޒާގެ ހުރިހާ ސަރަހައްދެއް އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަން ގެންނާނަން: ނަތަންޔާހޫ
އިތުރަށް ނަތަންޔާހޫ ވިދާޅުވެފައި ވަނީ ހަމާސް އިސް ލީޑަރު މުޙައްމަދު ސިންވާރު މަރާލެވިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާގެ ހުރިހާ ސަރަހައްދެއް އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަން ގެންނާނެ ކަމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ޣައްޒާ ގައި މިހާރު އިސްރާއީލް އިން ކުރިއަށް ގެންދަމުން އަންނަ އޮޕަރޭޝަނާ ގުޅޭ ގޮތުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ހުރިހާ ސަރަހައްދެއް އިސްރާއީލްގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަން ގެންނާނެ ކަމަށެވެ. 

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނަތަންޔާހޫ ވިދާޅުވީ، އިންސާނީ އެހީ ޣައްޒާ އަށް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

މީގެ އިތުރުން، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަށްޓަކައި، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން ތައްޔާރަށް ހުުންނެވި ކަަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ރަހީނުންގެ ތެރެއިން 20 މީހަކު ދިރި ތިބިކަން ޔަގީން ކުރެވޭ ކަމަށެވެ. 

އިތުރަށް ނަތަންޔާހޫ ވިދާޅުވެފައި ވަނީ ހަމާސް އިސް ލީޑަރު މުޙައްމަދު ސިންވާރު މަރާލެވިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ނަތަންޔާހޫ މިހެން ވިދާޅުވި ނަމަވެސް، އެކަމާ ގުޅިގެން ހަމާސް އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނެތެވެ. 

ނަތަންޔާހޫގެ މި ވާހަކަ ތަކަކީ ޣައްޒާ ގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމަ އިތުރަށް ހަރުކަށިވެގެން ދާނެ ކަމުގެ ނިޝާނެއް ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. 

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެފަ އެވެ. ނަމަވެސް، މާޗު މަހުގެ ތެރޭގައި ވަނީ އެއްބަސްވުމާ ޚިލާފަށް އަނެއްކާ ވެސް ހަމަލާތައް ދޭން ފަށައިފަ އެވެ.

އަލުން ހަމަލާތައް ދޭން ފެށި ފަހުން ވެސް، މިހާތަނަށް ޣައްޒާ އިން 3000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފައިވާ ކަމަށް، ޞިއްހީ ވުޒާރާ އިން ވަނީ ހާމަކޮށްފަ އެވެ. އަދި އެތައް ބަޔަކަށް ޒަޚަމުތައް ލިބިފައިވާއިރު، ގިނަ އިމާރާތްތަކެއް ހަލާކުވެފައިވާ ކަމަށް ވެސް ބުނެފައި އެވެ.

މާޗު މަހު އަލުން ހަމަލާތައް ދޭން ފެށި ފަހުން ވެސް ނަތަންޔާހޫ ވަނީ ގަދަ ބަސް ބުނެ، ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ފުލް ފޯސް އާއެކު އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާ އަށް ވަންނާނެ ކަމަށް ބުނެ އޭނާ އިންޒާު ދެއްވާފައިވެ އެވެ.

- ކޮމެންޓް