ސުޕްރީމް ކޯޓުގެ މިނިވަންކަމަށް ނޫފުޒުފޯރުވައި އިންސާފަށް ހުރަސްއަޅަމުންދާކަމަށް ބެލެވޭގޮތަށް ދައުލަތުގެ ބަންޑާރަ ނައިބާއި، ބައެއް ވަޒީރުން ދަންވަރުގެ ވަގުތުގައި ސުޕްރީމް ކޯޓަށް ވަދެވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބަންޑާރަ ނައިބާއި، ސަރުކާރުގެ ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާގޮތަށް ސުޕްރީމް ކޯޓަށް ވަދެވަޑައިގަތްގަތުން ކުށްވެރިކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ބަންޑާރަ ނައިބާއި، ސަރުކާރުގެ ބައެއް އިސްބޭފުޅުން ހުކުރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތުގައި ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވަނީ، ޤައުމުގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި މިވަގުތު ނުނިމި، އެއް މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާ ނުހަނު މުހިންމު މައްސަލައެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލައިގެ ހުކުމް އިއްވަން ޖެހިވަޑައިގެންފައިވާކަން ފާހަގަކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުހިންމު މައްސަލަތަކެއް ސުޕްރީމް ކޯޓުގައި އޮތް ދަނޑިވަޅެއްގައި ބަންޑާރަ ނައިބް ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވާއިރު، ބަންޑާރަ ނައިބަކީ މައްސަލައިގެ އެއް ޚަސްމު ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ޤާނޫނު އަސާސީންނާއި، ޤާނޫނުތަކުން ލާޒިމްކުރާ ސެކިއުރިޓީ ފޯރު ކޮށްދިނުމުގައި ސަލާމަތީ ހިދުމަތްތަކުން ނޭދެވޭ ކުއްލި ބަދަލު ގެނެސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަން ކުށްވެރިވެސްކޮށްފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސެކިއުރިޓީއަށް މިފަދަ ނޭދެވޭ ކުއްލި ބަދަލެއް ގެނެސްފައިވާއިރު، މާލޭގެ މަގުތަކުގައި ކުރިޔަށްވުރެ ބޮޑަށް ނުރައްކާތެރި ބޮޑެތި ޖަރީމާތައް ހިންގުން އާންމުވެ، ނާމާންކަން އިތުރުވެފައިވާ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ބުނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން ސުޕްރީމް ކޯޓުގެ މިނިވަންކަމަށާއި، އިންސާފަށް ހުރަސްއެޅޭނެ އެއްވެސް އަމަލެއް ދައުލަތުގެ ބަންޑާރަ ނައިބާއި، ސަރުކާރުގެ ވަޒީރުން ނުކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ޢައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެއްފަރާތްތަކަށް ވަނީ ގޮވާލާފައެވެ.