ށ. ފޯކައިދޫގައި ހިރުނދު ގަހެއް ވެއްޓިގެން އަނިޔާވި ދެކުދިންގެ ހާލު ރަގަޅު ކަމަށް ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިސަރ މުހައްމަދު ޚާލިދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޚާލިދު ވިދާޅުވީ އެ ހާދިސާގައި އަނިޔާވެފައި ވަނީ ށ. ފޯކައިދޫ ހީނާމާގޭ އުމުރުން 9 އަހަރުގެ ފާތިމަތު ފަލަކް ނަސީމް އާއި ށ. ފޯކައިދޫ ޝޭޑީވިލާ އުމުރުން 8 އަހަރުގެ މަރިޔަމް ލަޔާލް ސަމީރުއަށް ކަމަށެވެ.
ޚާލިދު ވިދާޅުވީ ދެކުދިންގެ ފައިގެ ކަށިގަނޑުގައިވެސް ރެނދުލާފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށާއި ލަޔާލްގެ މައިބަދައަށް ގެއްލުންވެފައި ވާކަމަށް ޝައްކު ކުރެވޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވާ ކަމަށެވެ. އަދި މައިބަދައަށް ގެއްލުންވެފައިވާކަން ކަށަވަރު ކުރެވެނީ އިތުރު ޓެސްޓުތަކެއް ހެދުމަށް ފަހުގައި ކަމަށް ޑޮކްޓަރު ވިދާޅުވާ ކަމަށް ޚާލިދު ފާހަގަކުރެއްވިއެވެ.
ޚާލިދު ވިދާޅުވީ މިއަދުގެ މެންދުރު ފަލަކް އިތުރު ފަރުވާދިނުމަށްޓަކައި ހދ. ކުޅުދުއްފުށިން މާލެ ގެނެވިފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ލަޔާލް ވެސް އިތުރު ފަރުވާދިނުމަށްޓަކައި މާލެ ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު އެ ރަށު ދެމީހަކު ގަހެއް ކޮނެގެން ނަގަން އުޅެނިކޮށް ގަސް ވެއްޓެން ދިޔަ އިރު އެ ދެކުދިން ގަހާއި ދިމާއަށް އަންނަތަން ފެށުމުން ގަހާ ދުރަށް ދިއުމަށް ބަޔަކު ގޮވާ ހަޅޭލަވައިގަތުންމުން އެކުދިންނަށް ވާނުވާ ނޭނގިތިބެ އޮޅިގެން ގަހާއި ދިމާލަށް ދެވުމުން ކަމަށް އެ ރަށު ކައުންސިލުންގެ ރައީސް ރާޝިދު ވިދާޅުވިއެވެ.