ޖުމްހޫރީ ޕާޓީގެ ޔޫތު ވިންގު ގެ ކުރީގެ ރައީސް އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް މޫސާ އަންވަރުގެ ގޭގެ ދޮރަށް ކަތިވަޅިއެއް ޖަހައިފިއެވެ.
ކަތިވަޅި ޖަހާފައި ވަނީ މޫސާ އަންވަރުގެ ގެ މުސްކުޅި ގެ ކަމަށްވާ އައްޑޫ ހިތަދޫގޭގެ ދޮރަށެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކުރި ފަހުން މޫސާ އަންވަރު ދިރިއުޅެނީ އިނގިރޭސި ވިލާތުގައެވެ. މޫސާ އަންވަރަކީ އަދީބުގެ ވަރަށް ގާތް މީހެކެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫ ގެއަކަށް ކަތިވަޅިއެއްޖަހައިގެން ރިޕޯޓްކޮށްފައިވަނީ ހުކުރުދުވަހުގެރޭ ދަންވަރު 1:40 ހާއިރު ކަމަށެވެ.
މިމައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ރާއްޖެއެމްވީއަށް ލިބިފައިހުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގޭގެ ފެންލައިޓެއް ވެސް ވަނީ ތަޅާލާފައެވެ.
މޫސާ އަންވަރުގެ މައިންބަފައިންގެ ގެއަށް ގެއްލުން ދީފައި މި ވަނީ އެކި ފަރާތްތަކުން އަދީބާ އެކު ކޮށްފައިވާ މުއާމަލާތްތަކުގެ ރެކޯޑިން އެބަހުރި ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ތަކެތި ލީކްވަމުން ދާނެ ކަމަށް މޫސާ އަންވަރު ޓްވީޓްކޮށްފައި ވަނިކޮށެވެ. މޫސާ އަންވަރު އެހެން ބުނެފައި ވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ކަމަށް ބެލެވޭ ފަރާތަކާއި އަދީބުކަމަށް ބެލެވޭ ފަރާތަކާ ދެމެދު ވާހަކަ ދައްކާފައިވާ ފޯން ކޯލްގެ ރެކޯޑިންއެއް ލީކްވުމާ ގުޅިގެންނެވެ.