އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެސްޓަން ވިލާ އިން ލީގު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އެސްޓަން ވިލާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ސާދަ ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ އެޒްރީ ކޮންސާ އެވެ. އޭނާ އެ ލަނޑު ޖެހީ އެސްޓަން ވިލާ އަށް ލިބުނު ކޯނަރެއްގައި އޮލީ ވަޓްކިންސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ބައުބަކާ ކަމާރާ އެވެ. އެއީ މޯހަން ރޮޖާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގައި ޓޮޓެންހަމް އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަަމަވެސް އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.
ޓޮޓެންހަމް އަތުން މޮޅުވެ އެސްްޓަން ވިލާ އިން ވަނީ ލީގު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 37 މެޗުން 66 ޕޮއިންޓާ އެކު އެވެ.
އެސްޓަން ވިލާ އަތުން ބަލިވެ ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ 17 ވަނައިގަ އެވެ. އެއީ ލީގުގައި އެ ޓީމުން ކުޅެފައިވާ 37 މެޗުން 38 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގައި ޓޮޓެންހަމްގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާއިރު، އެ ޓީމު ވަނީ ލީގުގައި 21 މެޗަކުން ބަލިވެފަ އެވެ.
މިއީ ޓޮޓެންހަމްގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ދަށް ނަތީޖާއާ ކުރިމަތިލާން ޖެހުނު ސީޒަން އެވެ.