ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސް(އެމްސީއެސް) އިން ލަސްކުރަމުންދާތީ ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައިޖީއެމްއެޗް ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވާއިރު، އެ ބައި ތަންފީޒް ނުކޮށް، ކަރެކްޝަނުން ތަންފީޒްކުރަމުންދަނީ ބަންދުކުރުމުގެ ބައި އެކަނި ކަމަށެވެ.
ސަމީރު ވިދާޅުވީ ކޯޓުގެ ހުކުމުގެ އެއްބައި ތަންފީޒްކޮށް، އަނެއް ބައި ތަންފީޒް ނުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އެގޮތަށް އެކަން ވިޔަ ނުދިނުމުގެ ގޮތުން ކަރެކްޝަނުގެ މައްޗަށް އިތުރު އަމުރެއް ނެރެދިނުމަށް އޭނާ ގޮވާލެއްވި އެވެ.
"ކޯޓުގެ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ ކޯޓުގެ ހުކުމާ ޚިލާފަށް އަމަލުކުރާ ނަމަ އެކަމާ މެދުގަ އަމަލުކުރާނެ އުސޫލެއް ނުވަތަ އިތުރު ހުކުމެއް ނެރެދެއްވައިގެން ވިޔަސް ކަންކުރެވޭނެ މަގަށް ކަންތައްތައް ކޮށްދެއްވާށޭ. ކޯޓުގެ ނިންމުމާ ޚިލާފަށް އަމަލުކުރާނަމަ އެއީ ގާނޫނީ ކުށެއް ކަމަށް އަޅުގަނޑުމެން ދެކެނީ، އެކަން އެގޮތަށް ކުރައްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ދެއްވާ،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވަނީ ގާސިމްގެ ބޭސްފަރުވާގެ ކަންތައްތައް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ނުހިފަހެއްޓުމަށާއި ކޯޓުގެ ހުކުމަށް ކިޔަމަންވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވާފަ އެވެ.
ސަމީރު ވިދާޅުވީ ރާއްޖެއިން ބޭރަށް ވީހާ ވެސް އަވަހަށް ގާސިމް ގެންގޮސް، ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު، އެކަން ލަސްކުރުމުގެ ސަބަބުން ފުރާނައަށް ގެއްލުން ލިބިދާނެ ހާލަތެއް މެދުވެރިވުމުގެ ބިރު އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވީ ފަރުވާ ނުލިބި ހޭދަވާ ކޮންމެ ވަގުތުކޮޅަކީ ގާސިމާއި އެމަނިކުފާނުގެ އާއިލާ ވަރަށް ބޮޑު ރިސްކެއްގައި ތިބޭ ވަގުތުކޮޅެއް ކަމަށެވެ. އަދި އެމަނިކުފާނު އާއިލާ މެންބަރުން ތިއްބެވީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ ގާސިމްގެ ބަލިހާލުކޮޅާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ކަރެކްޝަނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މުއައްސަސާއިން މިވަގުތު ހުއްދަ ދިން ކަމުގައިވީ ނަމަވެސް، ފުރައިގެން ދިއުމުގެ އެންމެހާ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކަރެކްޝަނުގެ މެޑިކަލް ބޯޑުގެ ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ބޭއްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ބައްދަލުވުމުގައި ނިންމި ގޮތެއް ވެސް އަންގާފައިނުވާ ކަމަށެވެ. ކޯޓުގެ ހުކުމް އޮތް ގޮތުން ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޝްވަތު ހުށަހެޅުއްވުމުގެ ކުށުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒުކުރަމުންދިޔަ ނަމަވެސް، އަދި ޤާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ޤާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ޤާސިމަށް ލިބުމަށްއޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށެވެ.
ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށް ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ވަނީ އެ ފަރުވާތައް ޤާސިމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެ ހުކުމް ކުރުމަށް ފަހު ކޯޓުން ވަނީ، ޖުލައި 16 ވަނަ ދުވަހު ގާސިމްގެ ޕާސްޕޯޓް ހިފަހެއްޓުމަށް ނެރުނު އަމުރު ވެސް ބާތިލްކޮށްފަ އެވެ.
ގާސިމް ބެއްލެވި އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުމުގައިވާ ގޮތުން ރާއްޖޭން ހެދެން ނެތް ހިތުގެ ދެ ޓެސްޓެއް ހެދުމަށްޓަކައި ގާސިމް ވީހާ ވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގެންދަވަންޖެހެ އެވެ. ޑޮކްޓަރު ވިދާޅުވެފައިވާ ދެ ޓެސްޓަކީ އިލެކްޓްރޮފިޒިއޮލޮޖީ ސްޓަޑީޒް (އީޕީއެސް) އާއި ރޭޑިއޯފްރެކްއެންސީ އެބްލޭޝަން (އާރުއެފްއޭ) އެވެ. މި ދެ ޓެސްޓް ނުހަދައި އެކަށީގެންވާ ފަރުވާއެއް ނުދެވޭއިރު، ފަރުވާ ދެއްވުން ލަސްކޮށްފި ނަމަ ގާސިމްގެ ހިތުގެ ވިންދު ގޯސްވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުގެ ލިޔުމުގައި ބުނެފައިވެ އެވެ.