ކ. މާލެ
|
16 މެއި 2025 | ހުކުރު 13:22
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޑރ. މުހައްމަދު މުއިއްޒު
ލާމަރުކަޒީ ޗެމްޕިއަން އަށް ރިޕްރެޒެންޓޭޝަން މުހިންމެއް ނުވި ނޫންތޯ؟
ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ލާމަރުކަޒީ ޗެމްޕިއަނެއް ކަމަށް އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ބުނާ އިރު އާއްމުންގެ ރިޕްރެޒެންޓޭޝަނާއި އާއްމުންގެ އަޑި އެ މަނިކުފާނަށް މުހިންމެއް ނޫނެވެ.

މާލޭ ސިޓީގެ މޭޔަރުކަން ކުރެއްވި ހިސާބުން ފެށިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް ކުރައްސަވާ މަންޒަރެއް އޮވެއެވެ. އެމަނިކުފާނު އަމިއްލަފުޅަށް ވެސް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވެސް އެ މަނިކުފާނު ސިފަ ކުރަނީ ލާމަރުކަޒީ ޗެމްޕިއަނެއްގެ ގޮތުގައެވެ. ލާމަރުކަޒީ ނިޒާމުގައި ހުރި ބާގަނޑުތައް އެ މަނިކުފާނަށް ވުރެ ރަނގަޅަށް އެހެން ބޭފުޅަކަށް ފަހުމު ނުވާކަމަށް ބުނެ ހުޝާމަތުކުރާ މީހުން ވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް އެ ވިދާޅުވާ ލާމަރުކަޒީ ޗެމްޕިއަން އަށް ރިޕްރެޒެންޓޭޝަން ނުވަތަ ރައްޔިތުން ތަމްސީލް ކުރާ ގޮތް މުހިންމެއް ނޫނެވެ. ކައުންސިލަރުން އިސްތިއުފާ ދިނުމުން އަލުން އިންތިޚާބު ބާއްވަން ސަރުކާރަށް ބޮޑު ކަމަކަށްވުމުން ދެން އިތުރަށް ދައްކާނެ ވާހަކަ އެއް އެބަ އޮތްތޯއެވެ. ލާމަރުކަޒީ ޤާނޫނު ކައިރިކައިރީގައި އެ މަނިކުފާނުގެ މެމްބަރުން މެދުވެރިކުރައްވައިގެން ބަދަލުކުރައްވަނީ ޚަރަދުކުޑަކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް ދާއިރާތަކުގެ މަޝްރޫޢޫތައް ނުހިނގާތީ އެކަން ވެސް ޤަބޫލުކުރަން މެމްބަރުންނަށް ދަތިވެއެވެ. އަދި އާއްމުން ވެސް އެ ވާހަކަ ބަލަ އެއް ނުގަނެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ބަހުސް އަވަސް އަރުވާލައިގެން ނިންމާ ކޮމިޓީ އަށް ފޮނުވީ އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުމަށް ބެލުމެއް ނެތިއެވެ. އަދި ބުރާސްފަތި ދުވަހު އެ ބިލު ފާސްކުރީ ވެސް ހަމަ އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާއެވެ. އެ ބިލުގައި ވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަސް އޮންނަ ހާލަތުގައި ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅާފައެވެ.

އެހެންކަމުން ދޮޅު އަހަރު ވަންދެން ކައުންސިލްތައް ހުސްކޮށް އޮތުން މައްސަލަ އެއް ކަމަށް މި ރައީސަށް ޤަބޫލެއް ނުކުރެއްވެއެވެ. ދެން އޮތް ކަމަކީ އެހެނިހެން އިންތިޚާބުތަކެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނުބޭއްވުމަށް ވަކާލާތުކުރައްވާ ރައީސް މިހާރުގެ ނިޒާމް ޚަރަދުބޮޑު ވާހަކަ ދައްކަވަމުންދާ ގޮތުން ވޯޓުލާ މީހުންގެ 50% ލިބިގެން ރައީސްކަމަށް އައުން އެއީ މުހިންމުކަމެއް ކަމަށް ރައީސް ޤަބޫލު ނުކުރައްވާކަން ސާފުކޮށް ހާމަވެއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަކީ އާއްމުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ އެކަމާއި މެދު އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އާއްމުންނާއި ހަމައަށް އައުމުގެ ކުރިން ރައީސް ބޭނުންފުޅުވާ ގޮތް ހާމަ ކުރައްވާ އެ މަގަށް އިންތިޚާބުތައް ހިންގުމަށް ރައީސް ހުންނެވީ ބާރު އަޅުއްވައިގެންނެވެ. އާއްމުންނަށްޓަކާ ކަމަށް ވިދާޅުވި އެއް ކަމަކު މި ކަމުން ފަސޭހަވެގެން ދަނީ އެ މަނިކުފާނު ބޭނުންވާ ގޮތަށް އިންތިޚާބު ބޭއްވުމުގެ މަގު ކޮށޭނެ ގޮތެވެ. އާއްމުންގެ ރިޕްރެޒެންޓޭޝަނާއި އާއްމުންގެ އަޑި އެ މަނިކުފާނަށް މުހިންމެއް ނޫނެވެ.

- ކޮމެންޓް