ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 10:54
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ރާއްޖެއެމްވީ
އެމްއެމްއޭ
އެމްއެމްއޭއަކީ ކިއްލި ހަދާ މުއައްސަސާއަކަށް ހެދުމުގެ ފުރުސަތު މެންބަރުން ދެއްވައިގެން ނުވާނެ: މެންބަރު އަބްދުއްރަހްމާން
ގައުމަށް ފައިސާ ހޯދުމަށް އެމްއެމްއޭއިން ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެ އާމްދަނީ ހޯދާ ހިސާބަށް ދިއުމަކީ މައްސަލައެއް
ގައުމަށް ފައިސާ ހޯދޭނެ ގޮތްތައް ބަލަންޖެހޭ
ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ވެސް މިހާރު ހިނގަމުންދަނީ އަސްލު ނިޒާމުން ބޭރުވެގެން

ސަރުކާރުން ބޭނުންވުމުން އެމްއެމްއޭ ކިއްލި ހަދާ މުއައްސަސާއަކަށް ހެދުމުގެ ފުރުސަތު ރައްޔިތުން މަޖިލީހުގެ މެންބަރުން ދެއްވައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަބްދުއްރަހްމާން ވިދާޅުވީ ގައުމަށް ކޮންމެ ހާލަތެއް ކުރިމަތިވި ނަމަވެސް ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެން އެމަނިކުފާނު ވިދާޅުވެފައިވާއިރު، ގައުމަށް ފައިސާ ހޯދޭނެ ގޮތްތައް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ގައުމަށް ފައިސާ ހޯދުމަށް އެމްއެމްއޭއިން ކިއްލި ވިއްކުމާއި، ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެ އާމްދަނީ ހޯދާ ހިސާބަށް ދިއުމަކީ މައްސަލައެއް ކަމަށާއި، އެއީ އެ މުއައްސަސާ ހިންގަންޖެހޭ ގޮތް ނޫން ކަމަށް މެންބަރު އަބްދުއްރަހްމާން ވިދާޅުވިއެވެ.

މެންބަރު އަބްދުއްރަހްމާން ވިދާޅުވީ ސަރުކާރުން ބޭނުންވުމުން އެމްއެމްއޭއަކީ ކިއްލި ވިއްކާ ތަނަކަށް ހަދަން ނުޖެހޭ ކަމަށާއި، ސަރުކާރުން ބޭނުންވާ ގޮތަކަށް ބަޓަނަށް ފިއްތަން ނުޖެހޭ ކަމަށެވެ.

މިނިވަން މުއައްސަސާތަކަށް އިޝާރާތް ކުރައްވައި މެންބަރު އަބްދުއްރަހްމާން ވިދާޅުވީ ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ވެސް މިހާރު ހިނގަމުންދަނީ އަސްލު ނިޒާމުން ބޭރުވެގެން ކަމަށާއި، މިކަން ހުއްޓުވަން ތިބީ ރައްޔިތުން މަޖިލީހުގެ މެންބަރުން ކަމަށެވެ. އެހެންކަމުން މަޖިލިސް މިނިވަންކަމާއެކު ހިންގަންޖެހޭ ކަމަށާއި، މެންބަރުން ވެސް މިނިވަންކަމާއެކު ހައްގު ގޮތުގައި ބަސް ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑު ކުރީގައި ދެއްކި ވާހަކަ މިހާރު މިދައްކަނީ. މިނިވަން މުއައްސަސާތަކާއި، ޖުޑިޝަރީއާ، އެމްއެމްއޭއާ މިހުރިހާ ތަނެއް މިހާރު އަސްލު މިދަނީ ނިޒާމުން ބޭރުވެގެން މިދަނީ. އެހެންވީމަ ކުރަންޖެހޭ ކަމަކީ ހަގީގަތުގައި މަޖިލިސް ފަންގްޝަން ކުރަންޖެހޭ ކުރަންޖެހޭ ގޮތަށް. ކޮށްގެން މެންބަރުންގެ މިނިވަންކަމާ އެކީގައި ތިބެގެން މެންބަރުން އެބަޖެހޭ މިކަމާ ދެކޮޅަށް ވާހަކަ ދައްކަން. ކޮންމެ ގޮތެއް ވިޔަސް އެމްއެމްއޭއިން ކިއްލި ތަޅަން އެއަށް ބަދަލެއް ގެންނަންޖެހޭ. ހުރިހާ މެންބަރުން ބަޓަނަށް އޮބާފައި އެމްއެމްއޭ ކިއްލި ވިއްކާތަނަކަށް ހަދާކަށް އަޅުގަނޑުމެން ނުޖެހޭ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން

މެންބަރު އަބްދުއްރަހްމާން ވިދާޅުވީ ކޮންމެ މިނިސްޓްރީއެއް، ކޮންމެ މުއައްސަސާއެއް ވެސް ހިނގަންޖެހޭނީ އެ ތަނެއްގެ މެންޑޭޓާ އެއްގޮތަށް ކަމަށާއި، ސަރުކާރު ނުވަތަ ވެރިކަން ރައްކާތެރި ކުރަން މަސައްކަތް ކުރަން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ނުފޫޒާއި، ބާރުގެ ދަށުން ބަރީއަވެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

- ކޮމެންޓް