ކ. މާލެ
|
14 މެއި 2025 | ބުދަ 11:04
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި އަލީ މަހާޒް އަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި އަލީ މަހާޒް އަލީ ޒާހިރު
ރައީސް އޮފީސް
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސާލަން ނޭޕާލުގެ ބާ ކައުންސިލުން ވެސް ގޮވާލައިފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މަގާމުން ވަކިކުރަން އުޅޭތީ ނޭޕާލުގެ ބާ އެސޯސިއޭޝަނުން އެކަން މަޑުޖައްސާލުމަށް ވަނީ ގޮވާލާފަ
ފަނޑިޔާރުގޭގެ މިނިވަންކަމަކީ ޑިމޮކްރަސީގެ ތަނބެއް އަދި ފަނޑިޔާރުގެއަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވިގެން ނުވާނެ
ފަނޑިޔާރުންނަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައިނުވޭ

މިހާރު ސަސްޕެންޝަންގައި ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރުއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ މަގާމުން ވަކިކުރަން އުޅޭތީ އެކަން މަޑުޖައްސާލަން ނޭޕާޅުގެ ބާ އެސޯސިއޭޝަންއިން ގޮވާލައިފި އެވެ.

ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ މިދިޔަ ހޮނިހިރު ޖުޑިޝަރީ ކޮމިޓީން ނިންމައި އެންމެ ފަހުގެ ނިންމުން ނިންމަން ތަޅުމަށް ފޮނުވާފައިވާ އިރު އިންޑިއާގެ ބާ އެސޯސިއޭޝަންއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމަކީ ޑިމޮކްރަސީގެ ތަނބެއް ކަމަށާއި ފަނޑިޔާރުގެއަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވިގެން ނުވާނެ ކަމަށް ނޭޕާލް ބާ އެސޯސިއޭޝަނުން ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ބާ ކައުންސިލުން މިކަމުގައި ނެރެފައިވާ ބަޔާނަށް އެ އެސޯސިއޭޝަނުން ވަނީ ފުރިހަމައަށް ތާއީދުކޮށްފަ އެވެ.

ބަޔާނުގައި ބުނީ ޑިމޮކްރެޓިކް ވެއްޓެއްގެ އެންމެ މުހިންމު އެއް އަސާސަކީ މިނިވަން ޖުޑިޝިއަރީ ކަަަމަށާއި އެކަމަށް އަސަރު ފޯރާފަދަ އެފަދަ މައްސަލަތައް ކުރިއަށް ގެންދަންވާނީ އަދުލުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ޑިއު ޕްރޮސެސްއާއެކު ކަމަށެވެ.

އަދި ފަނޑިޔާރުންނަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައިނުވާކަން ރާއްޖޭގެ ބާ ކައުންސިލްއިން ބުނެފައިވާތީ އެކަން ނޭޕާލުގެ ބާ ކައުންސިލްއިން ވެސް ފާހަގަކުރި އެވެ.

ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތް މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ލޯއޭޝިޔާ އާއި ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް މި އެސޯސިއޭޝަނުން ވެސް ބަލައިގަންނަން

ނޭޕާލުގެ ބާ އެސޯސިއޭޝަނުގެ ބަޔާން

ނޭޕާލުގެ ބާއެސޯސިއޭޝަނުން ބުނީ ރާއްޖެއިން ގާނޫނަށް ފުރިހަމައަށް ބޯލަނބާކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އެހެންކަމުން ރާއްޖޭގެ ބާ ކައުންސިލްއިން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އެ މައްސަލަ ކުރިއަށް ގެންދިއުން މަޑުޖައްސާލަން އެސޯސިއޭޝައިން ގޮވާލާ ކަމަށެވެ.

ހަމަ މި ވާހަކަތަކާއި ކަންބޮޑުވުންތައް ހިއްސާކޮށް އިންޑިއާގެ ބާ އެސޯސިއޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.

މި މައްސަލަ ބެލި މަޖިލީހުގެ ކޮމިޓީ ވަކި ހިސާބަކުން ކުރިއަށްގެންދިޔައީ މަގުބޫލު ސަބަބެއް ނެތި ސިއްރުކޮށްގެންނެވެ. ކޮމިޓީ ސިއްރު ކުރަން ނިންމި ހިސާބުން ކޮމިޓީގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ވަނީ ބައްދަލުވުން ބޮއިކޮޓް ކޮށްފަ އެވެ.

ދެ ފަނޑިޔާރުންގެ މައްސަލަ މިހާރު ވަނީ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވާފަ އެވެ. ބުދަ ދުވަހުގެ ޖަލްސާގައި ދެ ރިޕޯޓަށް ބަހުސް ކުރަން އެޖެންޑާ ކޮށްފައިވާއިރު ޖޭއެސްސީން މައްސަލަ ބެލިއިރު އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާތީ ގާނޫނު ހިލާފުވެފައިވާ ކަމަށް ބުނެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ އެ ކޮމިޓީއަށް ލަފާ ވެސް ދީފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުގެ ތަޅުމުން ޖޭއެސްސީގެ ރިޕޯޓު ފާސް ކުރުމުންނެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

- ކޮމެންޓް