ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑު ކުރުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ފަހުން، ދެން ހިނގައި ދިޔަ ކަންތައްތަކުގެ ތަފުސީލު މިހާރު ކިޔައި ނުދިނަސް، އެންމެނަށް ވެސް އެކަންވީ ގޮތް އިނގޭނެ އެވެ. މިއީ ހަމަ ގައިމު ވެސް ހައްތަހާ ވެސް އިއްތިފާޤު ކަަމަށް ޤަބޫލު ކުރީ، ސަރުކާރު ހިންގާ ޕާޓީގެ ކުދިން ކޮޅު އެކަންޏެވެ.
ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައެއްގެ އަޑު އެހުން ފަށަން ކުޑަތަން ވެފައި ވަނިކޮށް، ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑު ކުރި އެވެ. އެއާއެކު، ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ހިނގަމުން ދިޔަ ވަރަށް ހައްސާސް ދުސްތޫރީ މައްސަލަ ވެސް ހުއްޓުނެވެ. މިކަންކަމުގެ ފަހަތުގައި ތަރުތީބުވެ ނިމެނީ، ހައްތަހާ ވެސް އިއްތުފާގު ހެއްޔެވެ؟
ފަނޑިޔާރުން ސަސްޕެންޑު ކުރުމާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރު އަލްމިރަލްދާ ޒާހިރުގެ ފަރާތުން ވަނީ ވާހަކަތަކެއް ދައްކަވައިފަ އެވެ. ފަނޑިޔާރު އަލްމިރަލްދާ ވިދާޅުވެފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނިންމުމަށް، ބަންޑާރަ ނައިބުގެ ފަރާތުން ވާހަކަތަކެއް ދެެއްކި ކަމަށެވެ. އެހެން މީހަކު މެދުވެރިކޮށް، ފަނޑިޔާރުންގެ މަސައްކަތަށް ބަންޑާރަ ނައިބު ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
އެ ތުހުމަތާ ގުޅިގެން ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި އެވެ. ސަރުކާރުގެ ފަރާތުން ބާއްވަމުން އަންނަ އަހާ ފޯރަމްގައި ބައިވެރިވެ ވަޑައިގެން، ހޯމަ ދުވަހުގެ ރޭ ބަންޑާރަ ނައިބު ވަނީ އެ ވާހަކަ ދައްކަވައިފަ އެވެ. އެކަން ދޮގު ކުރައްވާ ކަމަށް ވިދާޅުވެ، ދެން ބަންޑާރަ ނައިބު ދެއްކެވި ކޮންމެ ވާހަކަ އަކުން ވެސް އެމަނިކުފާނު އިތުރަށް ބޭޒާރު ވެއްޖެ އެވެ.
ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ކުރާ ތުހުމަތަކީ އެއްވެސް އަސްލެއް އަދި ހަގީގަތެއް ނެތް ތުހުމަތެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި ޚުދު އެމަނިކުފާނު ވެސް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެއް ވާހަކައެއް ދިމާވެއްޖެ އެވެ. ފަނޑިޔާރު އަމްމިރަލްދާ ވެސް ވިދާޅުވެފައި އޮތީ އެ ވާހަކަ އެވެ. އެހެން މީހަކު މެދުވެރިކޮށް ނުފޫޒު ފޯރުވަން ބަންޑާރަ ނައިބު އުޝާމް މަސައްކަތް ކުރެއްވި ވާހަކަ އެވެ.
އުޝާމް ވިދާޅުވީ އެއީ ރަޙުމަތްތެރިޔަކާ ދެކެވުނު ވާހަކައެއް ކަމަށެވެ. އަދި އެ ރަޙުމަތްތެރިޔަކީ ފަނޑިޔާރު އަޒްމިރަލްދާގެ ވެސް "ކޮމަން ފްރެންޑް" އަކަށްވުމުން، އެ ވާހަކަތައް އޭނާ ފަނޑިޔާރު ގާތު ބުނެފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. ނަމަވެސް، ރަޙުމަތްތެރިޔާ ގާތު ބުނީ ކޮން ވާހަކައެއް ކަމެއް އުޝާމް އަށް ވިދާޅުވާކަށް ކެރިވަޑައި ނުގެންނެވި އެވެ!
ދެން އޮތީ އަނެއް ވާހަކަ އެވެ. އުޝާމް ވިދާޅުވީ އެ ވާހަކަތައް ދެއްކެވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގެ އަޑު އެހުމުގެ ކުރިން ކަމަށެވެ. އެ ވާހަކަތައް ދެއްކެވީ ފެބްރުވަރީ މަހުގެ ކުރީ ކޮޅު ކަމަށް ވެސް އުޝާމް ވިދާޅުވެ އެވެ.
ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގެ އަޑު އެހުމަށް ފެބްރުވަރީ މަހަށް ތާވަލް ކުރީ ޖަނަވަރީ މަހުގެ ފަހު ކޮޅު އެވެ.
އެހެންވީމާ، އާދައިގެ އިންސާނެއްގެ ބުއްދިންް ވިސްނިޔަސް ބަންޑާރަ ނައިބު އަމިއްލަފުޅަށް ބޭޒާރުވީކަން ޔަގީންވާނެ އެވެ.
ސަބަބަކީ މިއީ އެވެ. ރަޙުމަތްތެރިޔަކާ ވާހަކަ ދެއްކި ކަމަށް ވިދާޅުވެ، ކޮން ރަޙުމަތްތެރިޔެއްކަން ވެސް ވިދާޅުވެ، އެ ވާހަކަތައް ދެކެވުނު ދުވަސް ވަރު ވިދާޅުވުމަށް ފަހު ވެސް، ދެކެވުނީ ކޮން ވާހަކައެއް ކަމެއް ވިދާޅުވާން ބަންޑާރަ ނައިބަށް ކެރިވަޑައި ނުގެންނެވި އެވެ.
މޮޅު ވާހަކައެއް ދައްކަވައިގެން ދިފާއުވުމަށް ހައްދަވައިގެން، ބަންޑާރަ ނައިބަށް މި ލިބުނީ ހާދަ ބޮޑު ގެއްލުމެކެވެ. މިވީ ހާދަހާ ދަރެ ގޮތެކެވެ.