ކ. މާލެ
|
13 މެއި 2025 | އަންގާރަ 13:10
ރައްޔިތޔުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން: 2007 ގެ ފަހުގެ ޖީލަށް ދުންފަތް މަނާކުރުން ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފަ
ރައްޔިތޔުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން: 2007 ގެ ފަހުގެ ޖީލަށް ދުންފަތް މަނާކުރުން ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފަ
ރައްޔިތުންގެ މަޖިލިސް
ޖެނެރޭޝަން ބޭން
2007ން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން މަޖިލީހުން ފާސްކޮށްފި
ޖެނަރޭޝަނަލް ބޭންގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ވަނީ ފާސްކޮށްފަ
ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ނިންމެވީ މާރިޗު މަހުގައި

'ޖެނަރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ މާޗު މަހުގެ ފަހުކޮޅުގަ އެވެ.

އެކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހުޅުވާލުމުން ގިނަ ބަޔަކު ވޯޓު ދިނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާ ކުރުމަށެވެ.

ގާނޫނުގައި ހިމަނަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007ން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.

އަދި، ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަން ވެސް ގާނޫނުން ވަނީ މަޖުބޫރުކޮށްފައެވެ.

ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މާރިޗު މަހުގެ 27 ގައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަލީ އަޝްރަގެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓާއެކުއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބަދުލްޣަފޫރު މޫސާއެވެ.

ކެބިނެޓުން ނިންމި ނިންމުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހޯމަ ދުވަހު ފޮނުވީ އެކަމަށްޓަކައި އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީންނެވެ.

- ކޮމެންޓް