ފުލުހުންނަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ތެރެއިން ތަހުގީގު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
ފުލުހުންގެ މީޑިއާއިން ބުނީ މިތަކެތި ނައްތާލާފައި ވަނީ މަސްތުވާތަކެތި ނައްތާލުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ކޮމިޓީގެ ހާޒިރުގައި ހޮނިހިރު ދުވަހު ދޫނިދޫގައި ކަމަށެވެ.
ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2003، 2004 އަދި 2005 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާ ޖުމްލަ 201 މައްސަލައެއްގައި ހިމެނޭ ތަކެއްޗެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2003 ވަނަ އަހަރުގެ 5 މައްސަލައަކާއި 2004 ވަނަ އަހަރުގެ 86 މައްސަލައެއްގެ އިތުރުން 2005 ވަނަ އަހަރުގެ 110 މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތިހުރި 1,234 ރަބަރު ޕެކެޓާއި 49 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ތިން ދަޅާއި ބްލެޓް ސައިޒުގެ 171 ރަބަރު ޕެކެޓުގެ އިތުރުން އެހެނިހެން 3,052 ތަކެތި ނައްތާލާފައިވާއިރު މީގެ ތެރޭގައި 1,673 ގްރާމްގެ ހެރޮއިން އާއި 138 ގްރާމް ކެނެބިސް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.