ކ. މާލެ
|
13 މެއި 2025 | އަންގާރަ 10:51
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން
އިމޭޖަސް.އެމްވީ
އެފްއޭއެމް
ސުޒެއިންއާ ޤައުމީ ޓީމު ހަވާލު ކުރަނީ
އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ މެމްބަރު އިސްމާއީލް ސިމަން ވިދާޅުވެފައި ވަނީ، ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފައިވުމުން، ކުރިން ކުރި އިއުލާާނާ އެއް ގޮތަށް ކޯޗަކު ނެގުމުގެ ވިސްނުން މިހާރު ނުގެން ގުޅޭ ކަމަށެވެ.

ރާއްޖޭގެ ސީނިއާ ޤައުމީ ޓީމަށް ކޯޗަކު ހޯދުމަށް އިއުލާން ކުރި ނަމަވެސް، އެންމެ ފަހުން ވެސް ޤައުމީ ޓީމަށް އިރުޝާދު ދިން ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންއާ ޓީމު ހަވާލު ކުރުމުގެ ވިސްނުން ގެން ގުޅޭ ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީ އިން ބުނެފި އެވެ.

އެފްއޭއެމް އިން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގެ ސީނިއާ ޤައުމީ ޓީމަށް ކޯޗަކު ހޯދުމަށް އިއުލާން ކޮށްފަ އެވެ. އެއީ އަންނަ މަހު ފަށަން ތާވަލު ކޮށްފައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ނަމަވެސް، މިހާރު ވަނީ ސާފް ޗެމްޕިއަންޝިޕް އެ ތާރީޚުގައި ނުބާއްވައި، އަންނަ އަހަރަށް މުބާރާތް ފަސް ކޮށްފަ އެވެ. އެހެންކަމުން މިވަގުތު އެފްއޭއެމްގެ ވިސްނުން ހުރީ އައު ކޯޗެއް ހޯދުމުގެ ބަދަލުގައި، ކުރިން ވެސް ޓީމަށް އިރުޝާދު ދިން ކޯޗިން ޓީމާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުމަށެވެ.

އެކަމާ ގުޅިގެން އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ މެމްބަރު އިސްމާއީލް ސިމަން ވިދާޅުވެފައި ވަނީ، ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފައިވުމުން، ކުރިން ކުރި އިއުލާާނާ އެއް ގޮތަށް ކޯޗަކު ނެގުމުގެ ވިސްނުން މިހާރު ނުގެން ގުޅޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޤައުމީ ޓީމަށް ކުރިއަށް އޮތީ ދެ މެޗު ކަމަށާއި، އެ ދެ މެޗަށް ކޯޗިން ޓީމު ބަދަލު ކުރުމުގެ ވިސްނުން ނުގެން ގުޅޭ ކަމަށެވެ. އޭގެ ބަދަލުގައި ކުރިއަށް އޮތް ދެ މެޗަށް ވެސް ޤައުމީ ޓީމު ނިކުންނާނީ ކުރިން އޮތް ކޯޗިން ޓީމާ އެކު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ރާއްޖެ އިން ކުޅޭނެ އެވެ. އެއީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގެ ކުރިން ރާއްޖެ އިން ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ސިންގަޕޫރާ ދެކޮޅަށް ވެސް ކުޅޭނެ އެވެ. އެހެންކަމުން މި ދެ މެޗުގައި ވެސް ޤައުމީ ޓީމަށް އިރުޝާދު ދޭނީ ސުޒޭން އެވެ.

އެންމެ ފަހުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ފިލިޕީންސްއާ ދެކޮަށް ކުޅުނު މެޗުގައި ވެސް ޤައުމީ ޓީމަށް އިރުޝާދު ދިނީ ސުޒޭން އެވެ. އަދި އެ މެޗުގެ ކުރިން އިންޑިއާއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރި ކަމުގެ މެޗުގައި ވެސް ޓީމަށް އިރުޝާދު ދިނީ ސުޒޭން އެވެ.

- ކޮމެންޓް