ދުނިޔޭގެ ޒުވާނުންގެ ދުވަހާއި ގުޅިގެން ސެނެހިޔާ ހޮސްޕިޓަލުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ.
މި ކޭމްޕަކީ ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިންގ ޔޫތު (ރަފީ) އެންޖީއޯ އިން އިސްނަގައިގެން ސެނެހިޔަ ހޮސްޕިޓަލާއި، މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.
މިއަދު ހެނދުނު ފެށުނު މި ކޭމްޕުގައި ލޭ ހަދިޔާކުރުމުގެ ފުރުސަތު މިރޭ 21:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި ކޭމްޕަކީ ރާއްޖޭގެ ތެލެސީމިއާ ކުދިންނަށާއި، ލޭ ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކޭމްޕެކެވެ.
މި ކޭމްޕުގައި ލޭ ހަދިޔާކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ މައުލޫމާތުތައް ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.