ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްދާ ޒާހިރް އާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ނިންމި މައްސަލަ ކުރިއަށް ނުގެންގޮސް ހައްގުތަށް ހިމާޔަތް ކޮށްދިނުމަށް އެދި ޑިމްކޮރެޓްސްއިން ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް ސިޓިއެއް ފޮނުވައިފިއެވެ.
ޑިމޮކްރަޓްސްއިން މަޖީލުގެ ރައީސް އަށް ފޮނުވި ސިޓިގައި ބުނީ ދެވެހިރާއްޖޭގެ ސްޕުރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ.އަޒްމިރަލްދާ ޒާހިރް އާއި މަހާޒް އަލީ ޒާހިރުއާ ދެކޮޅަށް ހުށަހެޅުނު މައްސަލައަށް ޖަވާބުދާރީވެ އެމައްސަލައިން ބަރީއަވުމަށް އެފަރާތްތަކަށް އެކަށިގެންވާ ފުރުސަތު ދީފައިނުވާތީ އެޕާޓިން ނުހަނު ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އަދި އަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތަށްް ޝަރީއަތްކުރެވުމުގެ ހައްގަކީ އެންމެ އަސާސީ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހައްގެއްކަމަށް މުޅި ދުނިޔެ އެއްބަސްވާކަމަށް އެސިޓިގައިވެއެވެ.
ޖޭއެސްސީން އެ ދެފަނޑިޔާރުންގެ މައްސަލައާ މެދު ގޮތެއް ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި މާކުރީ ބައިގައި ނިޔާކަޑައަލައިގެން ތިބެ ކަމަށް ބުނާ ބުނުން ސައްހަ ކަމަށް ބެލުމުގެ ޖާގަ ލިބެނީ އިންސާފުން ޝަރީއަތް ކުރުމުގެ އުސޫލުތަކާ ކޮމިޝަނުން ޚިލާފުވެފައިވާތީ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
ޖުޑީޝަލް ކޮމިޓީގެ މި ނިންމުމަށް ޑިމޮކްރެޓްސްއިން ހިތާމަކުރާކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ މިއީ ބޭއިންސާފުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ ނުބެލުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަނުގައި އެދުނު ނަމަވެސް އެފުރަސުތު ނުދީ، ވަންހަނާކޮށްގެން ތަހުޣިގު ކުރިއަށް ގެންދިއުމާއި ފަނޑިޔާރުންގެ ފަރާތުން ދިފާއުގައި ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަނެ މައްސަލާގައި ގޮތެއް ނިންމި ނިންމުމަކީ އަސާސީ ހައްގުތަކާއި ޕްރިންސިޕަލްތަކާ ޚިލާފު ނިންމުމެއްކަމަށް އެސީޓިގައި ފާހަގަކުރަށްވާފައިވެއެވެ.
އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ނިންމާފައެވެ. މިގޮތަށް ފާސްކުރީ ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑަ ޕެސިފިކް (ލޯއޭޝިޔާ) އިން ވެސް ވަނީ ގޮވާލާފައެވެ. އަދި މިމައްސަލާގައި ކޮމަވެލްތު ލޯޔާސް އެސޯސިއޭޝަނުން ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.