އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް އެއްވަރުވެއްޖެ އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ލިވަޕޫލް އިން ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އާސެނަލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި މެޗުގެ ކުރިން އާސެނަލް އިން ވަނީ ލިވަޕޫލް އިން ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާތީ، އެ ޓީމުގެ ކުޅުންތެރިންނަށް ގާޑް އޮފް އޮނާއެއް ވެސް ދީފަ އެވެ.
މެެޗު ފަށައިގެން 20 ވަނަ މިނެޓުގައި ލިވަޕޫލް އަށް ކުރި ހޯދައިދިނީ ކޯޑީ ގަކްޕޯ އެވެ. އެއީ އެންޑީ ރޮބާޓްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
އޭގެ މިނެޓެއް ފަހުން ލުއިސް ޑިއާޒް ޖެހި ލަނޑުން ލިވަޕޫލް ވަނީ މެޗުގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑޮމިނިކް ސޮބޮސްލާއީ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދިނީ ގަބްރިއެލް މާޓިނެލީ އެވެ. އެއީ ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
އާސެނަލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 70 ވަނަ މިނެޓުގައި މިކޭލް މެރީނޯ ޖެހި ލަނޑުންނެވެ. އޭގެ ނުވަ މިނެޓު ފަހުން އޭނާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
މި ނަތީޖާ އާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 36 މެޗުން 83 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އާސެނަލަށް ލިބެނީ 68 ޕޮއިންޓެވެ.