ހަކުރު ބަލި ހުންނަ މީހުންނަށް އާ އިންސިއުލިން ޕްރޮޑަކްޓްތަކެއް ޑެންމާރކްގެ ނޯވޯ ނޯޑިސްކް ކުންފުނިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
މި އިންސިއުލިން ޕްރޮޑަކްޓް ތައާރަފުކޮށްފައި ވަނީ ހޮނިހިރު ދުވަހު ހޮޓަލް ޖެންގައި ބޭއްވި މެޑިކަލް އެޑިއުކޭޝަން ޕްރޮގްރާމެއްގަ އެވެ.
އިންސިއުލިން ޕްރޮޑަކްޓަކީ ގަލަމެއްގެ ސިފައިގައި ފަރުމާކުރެވިފައިވާ މީހުން ބޭނުންކުރުމަށް ފަސޭހަ އަދި ރައްކާތެރި އިންސިއުލިންއެއް ކަމަށް މެޑިކަލް ޝެޝަންގައި ވަނީ ބުނެފައެވެ.
މެޑިކަލް އެޑިއުކޭޝަން ޕްރޮގްރާމުގައި ވަނީ ހަކުރުބައްޔާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި އަދި އެހެނިހެން ކްލިނިކްތަކުގެ ޑޮކްޓަރުންނަށް މައުލޫމާތު ފޯރުކޮށްދީފައެވެ.
މެޑިކަލް އެޑިއުކޭޝަން ޕްރޮގްރާމް ބާއްވާފައި ވަނީ އައިޖީއެމްއެޗްގެ އެކަޑެމިކް އެންޑް ރިސާޗް ޔުނިޓް އާއި ނޯވޯ ނޯޑިސްކް ކުންފުނި ގުޅިގެންނެވެ.
ނޯވޯ ނޯޑިސްކް ކުންފުނިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ކަންޓްރީ މެނެޖަރ ވިނޯދް ކުމާރް ވިދާޅުވީ ތައާރަފުކޮށްފައިވާ އިންސިއުލިންތަކަކީ އެއް ފަހަރުން ބޭނުންކޮށްލުމަށް ފަހު އުކާލެވޭ އިންސިއުލިންއަކާއި ދާއިމީ ކޮށް ބޭނުންކުރެވޭ މެޓަލް އިންސިއުލިންއެއް ކަމަށެވެ.
އެއްފަހަރުން ބޭނުންކޮށްފައި އުކާލެވޭ އިންސިއުލިންއަކީ ތިމާވެއްޓާއި ރައްޓެހި އިންސިއުލިން އެއްކަމަށް ވިނޯދް ވިދާޅުވިއެވެ. އަދި ދާއިމީކޮށް ބޭނުންކުރެވޭ އިންސިއުލިންއަކީ ގަލަމުގައި އިންނަ ކުޑަ އިންސިއުލިން ކާޓްރިޖް ހުސްވުމަ ށްފަހު އެހެން އިންސިއުލިން ކާޓްރިޖްއެއް ލެއްވޭ ގޮތަށް އުފައްދާފައިވާ އިންސިއުލިންއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ފަރާތުން ވާހަކަދެއްކެވި ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ މި އެޑިއުކޭޝަން ޕްރޮގްރާމްގެ ބޭނުމަކީ ޑޮކްޓަރުންނަށް ތައާރަފުކުރެވިގެންދިޔަ އިންސިއުލިންތަކުން ލިބިގެންދާނެ ފައިދާތަކާއި އިންސިއުލިންނާއި ބެހޭ އިތުރު މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދިނުން ކަމުގައެވެ. އަދި މި އިންސިއުލިންގެ ސަބަބުން ހަކުރު ބަލި ކޮންޓްރޯލްކުރުމަށް އެހީވެދީ އާންމުންނަށް ފަސޭހަތަކެއްވާނެ ކަމަށް ޑޮކްޓަރ މޫސާ ވިދާޅުވިއެވެ.
ދާއިމީ ކޮށް ބޭނުންކުރެވޭ އިންސިއުލިންގައި "ލޮކެއް" އިންނާނެ ކަމަށް ވިނޯދު ވިދާޅުވިއެވެ.
މި އިންސިއުލިންއަކީ ހުރިހާ އުމުރެއްގެ މީހުން ބޭނުންކުރަން ފަސޭހަ ކުޑަ ކުޑަ ކައްޓެއް ލާފައިވާ އިންސިއުލިންއެކެވެ.