މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކުޅުނު ދެ ވަނަ މެެޗުގައި، ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ވެސް ކުރި ހޯދައިފި އެވެ.
މުބާރާތުގައި މާޒިޔާގެ ފުރަތަމަ މެޗުގައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޓީސީގެ ފުރަތަމަ މެޗުގައި ވަނީ އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް އެއްވަރުވެފަ އެވެ.
ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި މާޒިޔާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ މުޙައްމަދު އިލާން އިމްރާން އެވެ. އިލާން ވަނީ މާޒިޔާ އިން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
މާޒިޔާ އިން ވަނީ މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. މެޗުގައި މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ އަޙުމަދު އައިހަމް އެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޭނާ ޖެހި ލަނޑެކެވެ.
އެފްއޭއެމް ލީގު ކަޕްގައި މާޒިޔާގެ ތިން ވަނަ މެޗުގައި ނިކުންނާނީ މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ޓީސީގެ ތިން ވަނަ މެޗުގައި ނިކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.