އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު އުމުރުން 21 އަހަރު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނާ އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އޮންލައިން ޕޯޓަލެއް ހަދައިފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ މިދިއަ އޭޕްރީލް މަހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.
ރައީސްގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.
އެ ކޮމިޝަނުން ބުރާސްފަތި ދުވަހު އެކްސްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް، (ފޮޓޯ، ވީޑިއޯ ނުވަތަ އެ ނޫން ވެސް މައުލޫމާތެއް) ހިއްސާ ކުރަން ބޭނުންވާނަމަ، ނުވަތަ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ސުވާލެއް ކުރަން ބޭނުންވާނަމަ، އެ ކަމަށް ޚާއްސަކޮށްގެން ހަދާފައިވާ ޕޯޓަލް މެދިވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަންގެ ރައީސަކަށް އައްޔަނު ކުރައްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
އަދި އެ ކޮމިޝަނުގައި އިތުރަށް ތިއްބަވަނީ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުޙައްމަދާއި، އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސްއާއި ސިއްހީ ދާއިރާގެ ދެ ބޭފުޅުން ކަމަށްވާ ޑރ. މޫސާ މުރާދާއި ޖަބީން މުޙައްމަދެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ވެސް ފަށައިފައެވެ.
މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތުފާއަށް ގޮވައިލިއެވެ. އަދި އޭގެ ފަހުން މިދިޔަ މަހުގައި ސީޕީގެ މަގާމުން ޝުޖާއު ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ.
ސީޕީގެ އިސްތިއުފާއާއި އެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ.
ޔުމްނުއަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަސް ވެސް އާއިލާއިން ބުނެއެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވާއިރު އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާ ވެއްޓުނުއިރު ހުރި ގޭގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލެވެ.