ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އާސެނަލްގެ މައްޗަށް ކުރި ހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި މިދިޔަ ހަފުތާގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގު ވެސް ކާމިޔާބު ކުރީ ޕީއެސްޖީ އިންނެވެ. އެހެންކަމުން ދެ ވަނަ ލެގަށް ނިކުތްއިރު ވެސް ޕީއެސްޖީ އަށް ފައިދާ އޮތެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ޕީއެސްޖީ އިން ދެ ލަނޑު ޖެހި ފަހުން، އާސެނަލް އިން ވަނީ އެއް ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ފަބިއަން ރުއީޒް އެވެ. އޭގެ ފަހުން ދެ ވަނަ ހާފުއި ޕީއެސްޖީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ވިޓީނިއާ ފޮނުވާލި އެ ޕެނަލްޓީ އާސެނަލްގެ ގޯލު ކީޕަރު ޑޭވީޑް ރަޔާ ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އަޝްރަފް ޙަކީމީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އޮސްމާން ޑެމްބެލޭ އެވެ.
އޭގެ ހަތަރު މިނެޓު ފަހުން މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު ޖެހީ ބުކަޔޯ ސަކާ އެވެ. މެޗުގައި އާސެނަލް އިން އިތުރު ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް، ޕީއެސްޖީގެ ގޯލު ކީޕަރު ޖިއާންލުއީޖީ ޑޮންނަރުންމާ ވަނީ އެ ހަމަލާތައް މަތަކޮށްފަ އެވެ.
މޮޅާއެކު ޕީއެސްޖީ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ އެގްރިގޭޓް ނަތީޖާ 3-1 އިންނެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ ނިކުންނާނީ އިންޓަރ މިލާނާ ދެކޮޅަށެވެ.
މީގެ ކުރިން ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފަ އެވެ. 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ ވަނީ ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ.
މި ސީޒަނާ ދިމާކޮށް ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވީ ސްޕެއިންގެ ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ޓީމުން ވަނީ މި ސީޒަންގެ ފްރާންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.