ކ. މާލެ
|
7 މެއި 2025 | ބުދަ 18:18
ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ރައީސް އޮފީސް
މަގޭ ރިޕޯޓް
"ޕްރިންސް އޮފް މަޑަގަސްކަރަ"!
މި އިނދެވުނީ އޮލިމްޕަހުގައި ފިލްމެއް ބަލާކަށް ނޫނެއް ނޫންތޯއެވެ. މިއީ ބަޔަކު ހަދާފައި އޮތް ފިލްމެއް ނޫނެއްނޫންތޯއެވެ. މިއީ ފަޙްރުވެރި ތާރީހެއް އޮތް މުއްސަނދި މާޒީއެއް އޮތް، ދެހާހަށް ވުރެ ގިނަ އަހަރުވީ ހަޟާރަތެއް އޮތް، ދިވެހިރާއްޖޭގެ ސަރުކާރުން ކޮށްގެން އުޅޭ ދޯހަޅި ދެއުޅިއެއްނުވާ ކަމެއް ނޫންތޯއެވެ.

ތަންކޮޅެއް ކުރިން ރާއްޖޭގައި ހިނގި ހާދިސާއެކެވެ. މާލޭގެ މަޝްހޫރު މީހަކު އަތޮޅަކަށް ފުރަން އޮތް ލޯންޗަކަށް އެރިއެވެ. އެދުވަސްވަރަކީ އަތޮޅު ތެރެއަށް ވަޒީރުން ލޯންޗްކޮޅުގައި ދަތުރުކުރައްވާ ދުވަސްވަރެއެވެ. ވަޒީރުންނާއި ސަރުކާރުގެ މަތީ ބޭބޭފުޅުން ދެކެފަރިތަ މީހުންވެސް އޭރު މަދެއެވެ. މިމީހަކު އެލޯންޗަށް އެރީ އޭނާވެސް އެއަތޮޅަށް ދާން ބޭނުންވެފައި ހުއްޓައި އެލޯންޗަކީ އެއަތޮޅަށް ދާ ލޯންޗެއްކަން އެނގިގެންނެއެވެ. ނަމަވެސް އެއީ ވަޒީރަކު ގޮވައިގެން ފުރަން ތައްޔާރުވެފައި އޮތް ލޯންޗެއް ކަމެއް ނޭނގެއެވެ. އެނާ އެރުމުން ލޯންޗް މީހުން ހީކުރީ އެއީ ވަޒީރު ކަމަށެވެ. އޭނާ އެރުމާއި އެކު ލޯންޗް ނައްޓާލިއެވެ. ލޯންޗް ދާން ހަމަޖެހިފައިވާ އޮތް ރަށަށް ދިޔަ އިރު، ރަށުގެ ވެރިން ތިބީ ވަޒީރުގެ އިންތިޒާރުގައެވެ. އިސްތިގުބާލުގައެވެ. އޭނާ ފޭބުމާއި އެކު މާފަތި އަޅުވައި ވަރަށް ހޭހަންވެސްކޮށްފިއެވެ. މިދަތުރުގައި މިކަހަލަ ގޮތަކަށް ދެތިން ރަށަކަށް އޭނާ ދިޔަ ކަމަށްވެއެވެ. ވަޒީރުގެ ގޮތުގައެވެ. މިކަން ފަހުން ވުޒާރާއަށް އެނގިގެން އޭނާ މާލެ ގެނެސް ހުކުމެއްކޮށްފައި އަރުވާލިއެވެ.

މިއީ ވަރަށް ކުރީގެ ވާހަކައެކެވެ. އިންޓރަނެޓެއް، މޮބައިލް ފޯނެއް، ކޭބަލް ޓީވީއެއް ބޯތައްޓެއް ނެތް ޒަމާނެއްގެ ވާހަކައެކެވެ. ވީއިރު މިވަރު ކަމެއް ވެދާނެތާއެވެ. ނަމަވެސް މިފަދަ ތަރައްޤީ ޒަމާނުގައި މިއަދު މިކަހަލަ ކަމެއް ހިނގި ވާހަކައެއް ދައްކައިފިނަމަ ބަޔަކު ޖަހާނީ ހަޖުލެއެވެ. ގޮވާނީ އެއްޗެއްސެއެވެ. ކުރާނީ މަލާމާތެއެވެ. އެކަމަކު ދަންނަވަންތޯއެވެ. މިއަދުވެސް މިހނގައިގެން މިއުޅެނީ މިޒާތުގެ ކަމެކެވެ. އެއްޗެހި ގޮވަންޏާ އެއްޗެހި ގޮވާށެއެވެ. މަލާމަތް ކުރަންޏާ މަލާމާތްކުރާށެއެވެ. ހަޖޫ ޖަހަންޏާ ހަޖޫ ޖަހާށެއެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޕްރިންސްއެއް ރާއްޖެ ވަޑައިގެންފިއެވެ. ބްރިޖް ޚަލީފާ އަޅަން ހޭދަވިވަރަށްވުރެ ބޮޑު އަދަދެއްގެ އިންވެސްޓްމަންޓެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ޝަރަފްވެރިކޮށްދޭށެއެވެ. އިރުކޮޅަކުން ޕްރިންސް ދިވެހިރާއްޖޭގެ ރައީސްގެ އަރިއަހަށް އިޚްތިރާމްގެ ޒިޔާރެއް ކުރައްވައިފިއެވެ. ރައީސް ޕްރިންސްއަށް ވަރަށް ތައުރީފް ކުރައްވައިފިއެވެ. ދެގައުމުގެ ދޭތެރޭގެ އޮތް ގުޅުން ހަރުދަނާ ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. ޕްރިންވެސް ރާއްޖޭގައި ބޮޑެތި އިސްވެސްޓްމަންތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. ޕްރިންސް ވަޑައިގަތުމުން މަތިމައްޗަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސް އިންތިހާއަށް ތައުރީފް ކުރައްވައިފިއެވެ. މިބައްދަލުވުން ނިމުމާއި އެކު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޕްރިންސްގެ ވާހަކަ ޝާއިރުކޮށްފިއެވެ.

މިހާހިސާބުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި މިހާ ހެޔޮ މިހާ ރަނގަޅު ޕްރިންސްގެ މައުލޫމާތު ސާފުކޮށްލާ ހިތް އަޅުގަނޑުވެސް ވެއްޖެއެވެ. އަޅުގަނޑު ކަހަލަ އެހެން ދިވެހިންނެކޭވެސް އެއްފަދައިންނެއެވެ.

އިންޓަރނެޓް ހާވާލިއިރު ކަމަކުދާކަށް ނެތެއެވެ. ރައީސް އޮފީހުގެ ސައިޓުގައި ޖަހާފައި އޮތް ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ސައުދީ ޝާހީ އާއިލާގެ ޕްރިންސް ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ދަންނަ މީހަކު އިންޓރަނެޓް ތެރޭގައި އުޅޭ ކަމަކަށް ނުވިއެވެ. ދެން ބެލީ ސައުދީ ޝާހީ އާއިލާގެ ޕްރިންސުންގެ ލިސްޓް ތަކެއެވެ. އެއިން އެއްޗަކުންވެސް ރައީސް އޮފީހުން މިބުނާ ޕްރިންސްގެ ނަމެއް ނުފެނުނުއެވެ. ލައްކަ ހާވައިގެންވެސް އެނގުނީ މިބޭފުޅާއަކީ ސައުދީ މީހެއް ކަމެއެވެ. ސައުދީ ޝާހީ އާއިލާ އާއި ފުލާނު ބުނު ފުލާނު ހިސާބުން ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތް މީހެއް ކަމެއެވެ. އަމިއްލަ ބޭނުމަކަށްވެސް މީގެ ކުރިން މިބޭފުޅެއްގެ ނަމުގެ ކުރިއަށް ހިޒް ރޯޔަލް ހައިނަސް ޕްރިންސް، އަމިއްލަފުޅަށްވެސް ބޭނުންކޮށްފައި ނެތް ކަމެއެވެ. ދެން ފެނުނީ މިބޭފުޅަކާއި އާއިލީ ގޮތުން ތިމާގެ ބައެއް މީހުންގެ މަނީ ލޯންޑަރިންއާއި ޑްރަގް ޑްރެފިކިންގ ފަދަ މައްސަލަތަކެއްގެ ވާހަކަތަކެއެވެ.

މިވާހަކަތައް އެނގުމުން ފުރަތަމަ ވީ ހައިރާނެއެވެ. ދެން ގަތީ ލަދެއެވެ. އެންމެ ފަހުން އައީ ހިންޏެއެވެ. އެންމެ ފުރަތަމަ ހީކުރެވުނީ އާންމު އުސޫލުގެ މަތިން އަނެއްކާވެސް ރައީސް އަށް ލަނޑެއް ލިބުނީ ކަމަށެވެ. އެކަމަކު އެއާއި އެކު ހިތަށް އެރީ މިއީ ލަނޑެއް ލިބެންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެއެވެ. ވިސްނަމުންދަނިކޮށް އެންމެ ފަހުން ހިތަށް އެރީ ރަނގަޅަށެއެވެ. މިއީވެސް ސަރުކާރުން އާންމުކޮށް ކަންކުރާ ގޮތަށް ގަސްތުގައި ކުރި ކަމެއް ކަމަށެވެ. އޮޅުވާލުމެއް ކަމަށެއެވެ. ރައްޔިތުންގެ ލޮލުގައި އަޅުވަން އުޅުނު އަނދުނެއް ކަމަށެއެވެ. އެކަމަކު އެހެން ފަހަރު ފަހަރާއި މިފަހަރާއި އޮތް ހައެކަނި ތަފާތަކީ ފަޅާ އެރިލެއް އަވަސްކަމެއެވެ. ބޭޒާރުވީލެއް އަވަސްވީ ކަމެއެވެ. ފަޞީހަތްވީލެއްވެސް އަވަސް ކަމެއެވެ.

ކޮންމެއަކަސް މުޅި ގައުމުގައި އޮތީ މިޕްރިންސްއެއްގެ ވާހަކައެވެ. ބޭރު ދުނިޔޭގައި އޮތީވެސް މިވާހަކައެވެ. ސައުދީ އަރަބިއްޔާއިންވެސް އުޅެނީ އެމީހުންނަށްވެސް ނޭނގި އެމީހުންގެ ޝާހީ އާއިލާއަށް އަލަށް މިއިތުރުވި ޕްރިންސްގެ މައުލޫމާތު އޮޅުން ނުފިލައިގެންނެ އެވެ.

މިއީ ދެން ތަންފުކެއް ބޮޑުވަރެއް ނޫންތޯއެވެ. މި އިނދެވުނީ އޮލިމްޕަހުގައި ފިލްމެއް ބަލާކަށް ނޫނެއް ނޫންތޯއެވެ. މިއީ ބަޔަކު ހަދާފައި އޮތް ފިލްމެއް ނޫނެއްނޫންތޯއެވެ. މިއީ ފަޙްރުވެރި ތާރީހެއް އޮތް މުއްސަނދި މާޒީއެއް އޮތް، ދެހާހަށް ވުރެ ގިނަ އަހަރުވީ ހަޟާރަތެއް އޮތް، ދިވެހިރާއްޖޭގެ ސަރުކާރުން ކޮށްގެން އުޅޭ ދޯހަޅި ދެއުޅިއެއްނުވާ ކަމެއް ނޫންތޯއެވެ.

މިޒާތުގެ ކަމެއް އަޅުގަނޑު ފިލްމަކުން ދުށީމެއެވެ. އެއީ ޕްރިންސް އޮފް މަޑަގަސްކަރަ ކިޔާ ފިލްމެކެއެވެ. އޭގައި އުޅެނީ ފިލްމީ ތަރި އަލީ ސީޒަންއާއި ލޫއްޕެއެވެ. އެބަލާފައި އަޅުގަނޑު ވަރަށް ހުނުނީމެއެވެ. އެކަމަކު އެނިންމާފައި ލޫއްޕެއަކީ ހަގީގަތުގައިވެސް މަޑަގަސްކަރައިގެ ޕްރިންސްތޯ ބަލާކަށް ސާރޗެއް ނުކުރަމެއެވެ. ސަބަބަކީ އެއީ ފިލްމެއް ކަމުގައި ވާތީ އެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ހަމަ ކޮންމެ ކަމެއް ދިވެހިންނަށް ވަރިހަމަ ނުވާނެ ނޫންތޯއެވެ. ކަންކަން އޮޅުވާލަމުންގޮސް ހިންޏަށް ހަކުރު އޮޅުވާލާ ހިސާބަށް ކަންކަން ގެންދިއުމުން މީހުން މަޑަކުން ނުތިބޭނެ ނޫންތޯއެވެ. އޮޅުވާލުމުގައިވެސް ހައްދެއް އޮންނަންވާނެ ނޫންތޯއެވެ. އިންސާނީ ބުއްދިއަށް ކެތްވާ ވަރެއްވެސް އޮންނަންވާނެ ނޫންތޯއެވެ. އަވަހަށް ތިޔަ ހަބަރު ޑިލީޓް ކުރައްވާށެއެވެ. އެއްޗެހި ގޮވާލަ ގޮވާލާ ދިވެހިން ތިއްބަކަސް ސައުދީ ޝާހީ އާއިލާއިން ފަހަރުގައި މަޑުން ނުތިބެދާނެ ނޫންތޯއެވެ.

- ކޮމެންޓް