ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރުމަށް ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވި ރިޕޯޓު ދިރާސާކުރުމަށް އަންގާރަ ދުވަހު ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ނިންމައިފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހުގައެވެ.
އެ މައްސަލައިގައި ކޮމިޓީ ބައްދަލުވުމެއް އަންގާރަ ދުވަހު ފުރަތަމަ ތާވަލުކުރީ 11:00 އަށެވެ. އޭގެ ފަހުން އެ ބައްދަލުވުން 1:00 އަށް ލަސްކުރުމަށް ފަހު، ވަގުތު ކުޑަތަންވެފައި އޮއްވައި ކޮމިޓީ ވަނީ ކެންސަލްކޮށްފައެވެ. މި ބައްދަލުވުން ކެންސަލް ކުރި ވަކި ސަބަބެއް މަޖިލީހުން މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލާގައި ބާއްވަން ތާވަލްކުރި ކޮމިޓީ ބައްދަލުވުން ފަހުވަގުތު ކެންސަލް ކުރުމުން ދޭހަވަނީ ޖޭއެސްސީން މި މައްސަލަ ބެލުމުގައި ގޯސްތަކެއް ހަދާފައިވާކަން ކަމަށެވެ.
Supreme Court ge fadiyaarun vakikuran JSC ninmi massla belumah miadhu 11 jehiiru thaavalu kuri masslaa 1 jahaairah fas kurumah fahu, mihaaru judiciary committee cancel kurikamah vanee angavaifai! Mi massla gai varah bodethi goas thah hadaafai vaa kan vanee yageen kurevifai…
— Mauroof-TEAM (@MateyZakir) May 6, 2025
ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އާދިއްތަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހުގަ އެވެ.
ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމީ ޖޭއެސްސީން ފޮނުވި ރިޕޯޓާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށެވެ.
ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައެވެ.
އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ވަނީ މިހާރު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.
ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވެސް ތުހުމަތުތަކަށް އިންކާރުކުރައްވައެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.