ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރާ މައްސަލާގެ ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ބުނެ، ޖުޑިޝަރީ ކޮމެޓީ ނިންމާލައިފިއެވެ.
ހޯމަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރާ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ޖަލްސާގައި އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ފެންނަ ކަމަށް ބުނެ ޖޭއެސްސީން ފޮނުވި ދެ ސިޓީ އިއްވީ ވަކިވަކީންނެވެ. އެ މައްސަލައާ މެދު ގޮތެއް ނިންމާނީ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމުން ނަގާ ވޯޓަކުންނެވެ.
މި މައްސަލާގެ ރިޕޯޓު ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ގިނަ މެންބަރުން ވިދާޅުވެފައިވެއެވެ. އެހެންކަމުން ކޮމެޓީން ނިންމާފައިވަނީ އެ ވަގުތު ދިނުމަށެވެ.
ކޮމެޓީއަށް ދެ ހުށަހެޅުމެއް އިއްވި ނަމަވެސް ކޮމެޓީގައި ފާސްކޮށްފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވި ހުށަހެޅުމެވެ. އެއީ އެންމެ ފުރަތަމަ ޖުޑީޝަރީ ކޮމިޓީން މި މައްސަލައާ ގުޅޭ ލިއެކިއުންތައް ދިރާސާކޮށް، އެއަށްފަހު ކޮމިޓީއަށް އެއްވެސް ފަރާތަކުން ހާޒިރު ކުރަންޖެހޭނަމަ ހާޒިރު ކުރުމާމެދު ގޮތެއް ނިންމުމަށެވެ.
މީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމުމުގައި އިޖުރާއަތާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީ ހާޒިރު ކުރުމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ ފަނޑިޔާރުން ވަކިކުރާ ރިޕޯޓު ވަރަށް ބޮޑު ކަމަށާއި، މިމައްސަލަ ދިރާސާ ކުރަމުންދާއިރު، މައްސަލާގައި ހިމެނޭ ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރަން ބޭނުންވާ ކަަމަށެވެ. ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާއިރު، ރައްޔިތުންނަށް ފެންނަ ގޮތަށް ލައިވްކޮށް ކުރިއަށް ގެންދިއުމަށް މެންބަރު މައުރޫފް އެދިވަޑައިގެންނެވިއެވެ. އެއީ އިންޓަގްރިޓީ ހިފެހެއްޓުމުގެ ގޮތުންނާއި، ވަގުތު ސަލާމަތް ކުރުމަށް ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.
ޖޭއެސްސީއިން އަޒްމިރަލްދާ ޒާހިރު އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ފާސްކުރީ 4 މެއި 2025 ވީ އާދިއްތަ ދުވަހުއެވެ.
ޖޭއެސްސީން މި މައްސަލަ ބެލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެންބަރު އަލީ އަބްދުލަތީފާ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު، އަދި ރައީސްގެ މެންބަރު ޔަޒްމީދު މުހައްމަދެވެ.
އަޒްމިރާލްދާ ޒާހިރު އާއި އަލީ މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ޓީމުން ނިންމާފައިވަނީ 17 އެޕްރީލް ވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. ކޮމިޓީން މިގޮތަށް ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޓީން އެކުލަވާލި ތަހުގީގުގެ ފަހު ރިޕޯޓްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ރިޕޯޓަށް ޖަވާބުދާރިވުމަށް ފަނޑިޔާރުންނަށް ފޮނުވުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ފަނޑިޔާރުން ވަކިކުރުމުގައި ފަހު ގޮތެއް ކޮމިޝަނުން ނިންމާނީ، ފަނޑިޔާރުން ރިޕޯޓަށް ޖަވާބުދާރީވުމުން ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. ނަމަވެސް މައްސަލަ ބަލަމުން ދިޔައިރުވެސް އަޒްމިރަލްދާގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ދިފާއީ ހެއްކެއް ބަލައިގަނެފައިނުވެއެވެ. އަދި މައްސަލަ ނިންމުމުގައި ވެސް އަޒްމިރަލްދާގެ ފަރާތުން ހުށަހަޅާފައިވާ ހެއްކަކަށް ރިއާޔަތްކޮށްފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރަލްދާ ވަކިކުރެވެން އޮތް ގޮތަކަށް އޭނާ ވަކިކުރުމަށް ރައީސް ވަނީ ތަހުގީގުކުރާ ކޮމިޓީއަށް އަންގަވާފައެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މަސައްކަތް ކުރިއަށް ދިޔައީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންނެވެ. މި ކޮމިޓީއަށް އަޒްމިރަލްދާ އަދި މަހާޒާއި ދެކޮޅަށް އެއްވެސް މީހަކު ބަޔާންވެސް ދީފައިނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.
އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.