ކ. މާލެ
|
4 މެއި 2025 | އާދީއްތަ 13:57
ރައީސް ޑރ.މުހައްމަދު މުއިއްޒާއި، ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން ވަހީދު
ރައީސް ޑރ.މުހައްމަދު މުއިއްޒާއި، ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން ވަހީދު
ރާއްޖެއެމްވީ
ޝައްމާން ބަންދުކުރުން
ޝައްމާންއަށް ފިޔަވަޅު އަޅަމުންދަނީ ކުރައްވަމުން ދިޔަ ކަންކަން ހެއްކާއެކު ފެނުމުން ގާނޫނާ ގަވާއިދާ އެއްގޮތަށް: ރައީސް މުއިއްޒު
މިއީ މިނިސްޓަރު އިހުސާން ކުރެއްވި ކަމެއް ނޫން
މުހިންމީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުން
ހުރިހާ ރައްޔިތުން ހަމަހަމަވާނެ

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާން ވަހީދަށް ފިޔަވަޅު އަޅަމުންދަނީ ކުރައްވަމުން ދިޔަ ކަންކަން ހެއްކާއެކު ފެނުމުން ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ ޝައްމާން ހައްޔަރު ކުރުމުގައި ފްރޭމް ކުރެވިގެން ގޮސްފައިވާ ކަމަށް އާއިލާއިންނާއި، އެކި ފަރާތްތަކުން ތުހުމަތުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ކޮރަޕްޝަން ހިންގަވާ މައްސަލަ ޝައްމާން، ރައީސްގެ ސަމާލު ކަމަށް ގެންނެވި ކަމަށާއި، އެވަހާކަތައް ހިއްސާ ކުރެއްވުމުން، ލޯޔަލް ވުމަކީ ތިޔެއްނޫން ކަމަށް ކަމަށް ރައީސް ވިދާޅުވި ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ރައީސް ވިދާޅުވިންތޯއާއި އަދި މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަ ރައީސްގެ ސަމާލުތަކަށް ޝައްމާން ގެންނެވިތޯ ނޫސްވެރިޔާ ސުވާލު ކުރެއްވިއެވެ.

މި ދެ ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ ދެ ވާހަކައަކީ ވެސް ދޮގު ކަމަށާއި، ޝައްމާންއަށް ފިޔަވަޅު އަޅަމުން ދަނީ އޭނާ ކުރެއްވި ކަންކަން ހެއްކާއެކު ފެނުމުން ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށެވެ. މިއީ މިނިސްޓަރު އިހުސާން ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރައްވަނީ ވަރަށް އިތުބާރު ކުރެއްވުމަށްފަހު ކަމަށެވެ. އެމަނިކުފާނަށް މުހިންމީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުރިހާ ރައްޔިތުން އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަވާނެ ކަމަށެވެ.

ތި ދެވާހަކަ ދޮގު. އަދި އަޅުގަނޑު އެކަހަލަ އެއްޗެއް ނުވެސް ދަންނަވަން. ޝައްމާން ކުރަމުން ދިޔަ ކަންތައް ހެކިތަކާއެއްކޮށް ފެނިގެން އަޅަންޖެހޭ ފިޔަވަޅު ގާނޫނާ ގަވާއިދާ އެއްގޮތަށް އަޅަމުން އެދަނީ. އެއޮންނަ ޕްރޮސަސްގެ ތެރެއިން. އެއީ މިނިސްޓަރު އިހުސާން ކުރެއްވި ކަމެއް ނޫނިއްޔާ އެހެން ބޭފުޅަކު ކުރެއްވި ކަމެއް ފަޅާ އަރުވާލަފާނެތީ އެބޭފުޅުން އެ ވިދާޅުވާ ގޮތަށް އަޅުގަނޑުމެން ކުރި ކަމެއް ނެތް އެއަކު އެނގޭތޯ. އަޅުގަނޑަށް މުހިންމީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުން. އެތަންތަނަށް އަޅުގަނޑު އައްޔަން ކޮށްފައިތިބޭ މީހުންނަކީ އަޅުގަނޑު ވަރަށް އިތުބާރު ކޮށްފައި ތެދެއްތޯ. އެއިން އެއްވެސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއް ހިންގާފިއްޔާ އަޅުގަނޑު ފިޔަވަޅު އަޅާނަން. އެކަން އޭގެން ފެނިގެންދިޔައީ. އަޅުގަނޑުމެންނަށް ތުހުމަތު ކުރެވޭ ނޫނިއްޔާ ހެކިތަކާއެކު ފެންނަން ހުރި ކަންތައްތަކެއް ހުރީމަ މަގާމުން ވަކި ކުރަން ޖެހުނީ އެނގޭތޯ. ދެން އެ ޕްރޯސަސްގެ ތެރެއިން ނިމޭއިރުގައިތާ އެމައްސަލަ ނިމޭނީ. ދެން ހަމަ އެހެން ބޭފުޅަކު ވިޔަސް އެގޮތަށް ކަމެއް ކޮށްފިއްޔާ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ އަޅުގަނޑަށް މުހިންމީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުން.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް މިސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުންނަށް އެއްވެސް ތަހުގީގެއް ނުހިންގައި ތިއްބެވީ މިނިވަންކަމާއެކުގައެވެ.

އެގޮތުން ކުރީގެ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ވެސް ގޯއްޗާއި ގުޅުން ހުރި ކަންކަމުގައި ބޮޑެތި ހިޔާނާތްތަކެއް ހިންގަވާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ޝައްމާން ކުރެވުނު ތުހުމަތުތަކާ ގުޅިގެން، އެބޭފުޅާ ދިރިއުޅުއްވާގެ ބަލާފާސްކޮށްފައިވެއެވެ. ޝައްމާން ހައްޔަރުކޮށްފައިވަނީ ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރޗް 2025 ވީ ހުކުރު ދުވަހުގެ ރޭ ހެންވޭރު ޕޮލިހަށް ހާޒިރުވުމުން ކުއްލި ގޮތަކަށެވެ.

ޝައްމާންއަށް ތުހުމަތު ކުރެވޭ މައްސަލާގައި ސަރުކާރުން ތަފާތު ގޮތަކަށް އަމަލުކުރާ ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ، މި މައްސަލާގެ ހަގީގަތް ޝައްމާން މީޑިއާތަކަށް ތިލަ ކުރާނެތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި މައްސަލާގައި ސަރުކާރުގެ ވަޒީރެއްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

ޝައްމާންގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ 6 އޭޕްރީލް 2025 ގައެވެ.

- ކޮމެންޓް