ކ. މާލެ
|
3 މެއި 2025 | ހޮނިހިރު 10:43
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ރޮއިޓަރސް
ބާސެލޯނާ
ދެ ވަނަ ލެގަކީ ފައިނަލްގެ ކުރިން ކުޅޭނެ ފައިނަލެއް: ފްލިކް
ފްލިކް ބުނީ، ބާސެލޯނާ އިން ޙާސިލު ކުރަން ބޭނުންވާ ވަކި އަމާޒުތަކެއް އެބަ ހުރި ކަމަށާއި، ދެ ވަނަ ލެގަށް ނިކުންނާނީ އެކަން ވެސް ހަނދާނުގައި ބަހައްޓައިގެން ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އިންޓަރ މިލާނާ ދެކޮޅަށް ނިކުންނައިރު، އެ މެޗަކީ މުބާރާތުގެ ފައިނަލްގެ ކުރިން ކުޅޭނެ ފައިނަލެއް ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ. އެހެންކަމުން، މުބާރާތުގެ ފައިނަލްގެ ފުރުސަތު އޮތީ އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށެވެ.

ފުރަތަމަ ލެގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާ އިން މެޗު ފެށީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އޭގެ ނަތީޖާ އަކީ ވަރަށް ކުރީ ކޮޅު ބާސެލޯނާގެ ގޯލަށް ދެ ލަނޑު ވަނުން ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ނަމަވެސް، އަލުން އަނބުރާ މެޗަށް ރަނގަޅަށް ވަދެ ބާސެލޯނާ އިން ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފައިވާ ކަމަށް ފްލިކް ބުންޏެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ވެސް ބާސެލޯނާ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، އިތުރު ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބާސެލޯނާ އާއި އިންޓަރ މިލާންގެ ފުރަތަމަ ކުރިމަތިލުމަކީ ޓީމުގެ ސަޕޯޓަރުންނަށް ފޯރި ގަދަ މެޗަކަށް ވެފައިވާ ކަމަށް ފްލިކް ބުންޏެވެ. ސެމީ ފައިނަލްގެ ދެ ވަނަ ލެގަށް ނިކުންނައިރު، އެއީ ބާސެލޯނާ އަށް ފައިނަލެއް ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފްލިކް ބުނީ، ބާސެލޯނާ އަށް ދެ ވަނަ ލެގުގެ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް ދެވޭނެ ކަމުގެ ފުރިހަމަ އުންމީދު އޭނާ އަށް އޮތް ކަމަށެވެ. އެ އުންމީދު އޮންނަނީ ބާސެލޯނާގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާއި، އެ ކުޅުންތެރިންގެ ފަރާތުން ފެންނަ މަސައްކަތުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ފްލިކް ބުނީ، ބާސެލޯނާ އިން ޙާސިލު ކުރަން ބޭނުންވާ ވަކި އަމާޒުތަކެއް އެބަ ހުރި ކަމަށާއި، ދެ ވަނަ ލެގަށް ނިކުންނާނީ އެކަން ވެސް ހަނދާނުގައި ބަހައްޓައިގެން ކަމަށެވެ. އަދި ބޭނުން ވަނީ އެ މެޗުން ނަތީޖާ ނެރުމަށް ކަމަށާއި، ބާސެލޯނާގައި އެ ފެންވަރުގެ ކުޅުންތެރިން ވެސް ތިބި ކަމަށެވެ.

- ކޮމެންޓް